ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 492 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން މިއަދު އާންމުކުރި ރިޕޯޓުގައި ބުނެފައިވެއެވެ. މިއީ ދެވަނަ ކުއާޓަރާ އަޅައިބަލާއިރު 9.6 ޕަސަންޓު އިތުރު އަދަދެކެވެ.
ޤައުމީ ބޭންކުގެ ރިޕޯޓުގައިވާ ގޮތުން މި ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 718 މިލިއަން ރުފިޔާ ހޯދާފައިވާއިރު، މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 2.9 ޕަސަންޓުގެ އިތުރުވުމެކެވެ. މި ކުއާޓަރުގައި ވަކިވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް 1.2 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައިވެއެވެ.
ކުއާޓަރު ނިމުނުއިރު ޖުމްލަ އެސެޓް ހުރީ 44.7 ބިލިއަން ރުފިޔާގައެވެ. ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ 54 ޕަސަންޓުގައި ހުރިއިރު މިއީ ޤަވާޢިދުން ލާޒިމުކުރާ މިންވަރަށްވުރެ މަތީ ޢަދަދެއްކަން ފާހަގަ ކުރެވެއެވެ..
ބީއެމްއެލްގެ އައު ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވީ މާލީ ގޮތުން ހޯދި ރަނގަޅު ނަތީޖާއާ މެދު ވަރަށް ފަޚުރުވެރިވާ ކަމަށެވެ. އަދި މުޖުތަމައަށް އަމާޒުކޮށްގެން ހިންގުނު މަޝްރޫއުތަކާއި ވަކިވަކި ފަރުދުންނަށާއި ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި ޤައުމުގެ ކުރިމަގު އާރާސްތުކުރުމަށް ޓަކައި އެ ބޭންކުން ކުރަމުންދާ މަސައްކަތާމެދު ވެސް ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ކުއާޓަރުގައި ބީއެމްއެލްއިން ވަނީ އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ސަނާބިލް ޕްރޮޖެކްޓަށް ބޮޑު އިންވެސްޓްމަންޓެއް ވެސް ކޮށްފައެވެ. އަދި އެއް މިލިއަން ރުފިޔާގެ ބޭންކް ފަންޑު ކާމިޔާބުކުރި ފަރާތްތައް ވެސް ބޭންކުން ހާމަކުރިއެވެ.
ރާއްޖޭގެ 20 އަތޮޅެއްގައި ބީއެމްއެލްގެ 39 ބްރާންޗު ވަނީ ގާއިމްކޮށްފައިވާއިރު 89 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި، 114 އޭޓީއެމް އަދި ކޭޝް އޭޖެންޓުގެ ޚިދުމަތް ވެސް ބީއެމްއެލްއިން އަންނަނީ ދެމުންނެވެ.









