ގުޅީފަޅު ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް އަވަހަށް ފެށޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ގުޅީފަޅު އިތުރަށް ހިއްކުމަށް ބޭނުންވާ ފައިސާ އަދި ހަމަނުޖެހޭކަމަށާއި އެހެންނަމަވެސް، ސަރުކާރުގެ ޓާގެޓަކީ އެކި ގޮތްގޮތަށް މަސައްކަތްކޮށްގެން ވެސް ވީހާވެސް އަވަހަކަށް މި 85 ހެކްޓަރުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.

ސަރުކާރުން ގުޅީފަޅުން އިތުރަށް ހިއްކަން ނިންމާފައިވާ 85 ހެކްޓަރުގެ ބިން ހިއްކުމަށް އެމްޓީސީސީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށް ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް، އަދި ސީދާ އެ ފައިނޭންސް ހޯދުމުގެ ސާފު މަގެއް ފެންނަން ނެތުމާ އެކު، އެ މަސައްކަތް އަދި ނުފެށި އޮތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ގުޅިފަޅުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ކުރިޔަށްވުރެ ރަނގަޅުކޮށް، އުޞޫލެއްނެތި ކުރިން ދޫކޮށްފައިވާ ގޯތިތައް ކެންސަލްކޮށް އަލުން ގުރުއަތުލައިގެން ގޯތި ދޫކުރާ ގޮތަށް ނިންމާފައެވެ.

ގުޅިފަޅުން ޖުމްލަ 3,520 ގޯތި ދޫކުރަން މި ސަރުކާރުން ވަނީ ނިންމާފައެވެ.