އެމްބަސީތައް ކައިރީގައި ޤާނޫނާއި ޚިލާފަށް ޢަމަލުކޮށް ސަފީރުންނަށް އުނދަގޫކުރި މައްސަލައިގައި ހައްޔަރުކުރި ޑރ. އިޔާޒްގެ އަނބިކަނބަލުން ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހިމްގެ މައްސަލައިގައި ދަޢުވާ ކުރުމާމެދު ގޮތެއް ނިންމަމުންދާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.
މިދިޔަ މަހު، ސަޢޫދީ އެމްބަސީ ކައިރީގައި މުޒާހަރާކުރަނިކޮށް ފުލުހުން މި ދެމީހުން ހައްޔަރުކުރެވުނީ ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް، ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި، ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކުރުމުގެ ސަބަބުން ކަމަށް ޚުލާސާއިން އޭރު ކުރިސުވާލަކަށް ޖަވާބު ދެއްވަމުން ޕޮލިސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލައިގައި ކުރިން ކްރިމިނަލް ކޯޓުން ވަނީ ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރުކޮށްދީފައެވެ. ނަމަވެސް، ހައިކޯޓުން ނިންމި ނިންމުމުގައި ވަނީ އެ ދެމީހުންގެ ބަންދުގެ މުއްދަތު ދެ ފަހަރަށްވެސް ދަށު ކޯޓުން ޖެހީ ޤާނޫނާއި ޚިލާފަށް ކަމަށެވެ. ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް، އެ ކޯޓުން ވަނީ މައްސަލަ ބަލައިނުގަނެ އަނބުރާ ފޮނުވާލާފައިކަން ވެސް ފާހަގަ ކުރެވެއެވެ.
ޚުލާސާއިން ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި ޕީޖީން ބުނީ ޝާދިޔާއާއި ޝަޒްރާގެ މައްސަލައިގެ ލިޔެކިޔުންތައް ޕޮލިހުން ޕީޖީއާއި ހިއްސާ ކޮށްފައިވާ ކަމަށާއި އެމީހުންނަށް ދަޢުވާ ކުރުމަށް ޖިނާޢީ އިޖުރާތުގައިވާ މުއްދަތު އަދި ފަހަނައަޅައި ނުދާކަމަށެވެ. އެހެންކަމުން މި ހަފްތާގައި އެކަމުގައި ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފިޝަލް ވިދާޅުވިއެވެ.









