ކޮންމެ ހުކުރު ދުވަހެއްގެ މަޣްރިބް ނަމާދަށްފަހު އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ ތަފްސީރު ކުލާހެއް ބާއްވަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މި ތަފްސީރު ކްލާސްތައް ބާއްވާނީ ކޮންމެ ހުކުރު ދުވަހެއްގެ މަޣްރިބް ނަމާދަށްފަހު ހުޅުމާލޭ މަސްޖިދު ރަޝީދުގައި ކަމަށެވެ.
މި ކުލާހުގައި އަލިއަޅުއްވާލެއްވުމަށް ހަމަޖެހިފައިވަނީ ކަހްފު ސޫރަތުގެ ތަފްސީރަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އިސްލާމީ މަރުކަޒުގައިވެސް ކޮންމެ ހަފްތާއަކުވެސް ތަފްސީރު ކުލާސްތައް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. މި ކުލާސްތައް ނަންގަވައިދެއްވަނީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަނެވެ. ޝައިޚް އިބްރާހީމް ރަޝީދަކީ ދިވެހިރާއްޖޭގައި އިސްލާމީ ޢިލްމުވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ.
އިސްލާމިކް މިނިސްޓްރީން މި ކުލާސްތައް ކުރިއަށްގެންދިޔުމަށް ނިންމީ ރައްޔިތުންގެ މެދުގައި އިސްލާމްދީނުގެ ޢިލްމު އިތުރުކޮށް، ކީރިތި ޤުރްއާނުގެ މާތް މެސެޖު ފެތުރުމުގެ މަޤްޞަދުގައެވެ.









