ޑރ. އާދަމް ޝަމީމް ދެއްވާ ޚާއްސަ ދަރުސް، "ކަލަކުވޭ ބިރުވެތިވޭ" ދަރުހަށް ހާޒިރުވެގެން އައިފޯނެއް ލިބުމުގެ ފުރުސަތު އޮތް ކަމަށް ދަރުސް އިންތިޒާމް ކުރާ ފަރާތުން ހާމަކޮށްފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން އަލްއަސްރުގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުއެވެ.
ހުޅުމާލެ ރުއްގަނޑު 2 ސަރަޙައްދުގައި އޮންނަ މި ދަރުސް ފެށުމަށް ހަމަޖެހިފައިވަނީ އެރޭ 8:30 ގައެވެ. މި ދަރުސް ދެއްވާނީ ޑރ. އާދަމް ޝަމީމެވެ. ޝަމީމަކީ އިލްމީ ގޮތުން ފުންނާބު އުސް އަދި ވަރަށް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ އިލްމުވެރިއެކެވެ.
މި ދަރުސް ޓީވީއެމް އާއި ދާރިސް ޓީވީ އަދި އަލްއަސްރުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަރުހަށް ހާޒިރުވެ، ދަރުސް ނިމެންދެން މަޑުކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ފަރާތަކަށް އައިފޯން 16 ޕްރޯ މެކްސް އެއް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ގުރުއަތުގައި ބައިވެރިވެވޭނީ ދަރުހަށް ހާޒިރުވެ ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ކަމަށް އަލްއަސްރުން ބުންޏެވެ.









