ޣައްޒާގެ ހަމަނުޖެހުންތަކުގެ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައި ހަމާސްއިން ހިފަހައްޓާފައިވާ އިސްރާއީލުގެ ހަތަރު މީހަކު ފަލަސްޠީނުގެ ބައެއް ގައިދީންނާއެކު ބަދަލުކުރުމަށްޓަކައި، ދެދުވަހަށް ހަނގުރާމަ ހުއްޓާލުމަށް މިސްރުން ހުށަހަޅައިފި ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފިއެވެ.
އަލްޖީރިއާގެ ރައީސް ޢަބްދުލްމާޖިދު ޓެބޫނޭއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީ ވަނީ މި ހުށަހެޅުން އިޢުލާން ކުރައްވައި، އެކަމުގެ ސަބަބުން އިތުރަށް ދާއިމީ ހަނގުރާމަ ހުއްޓާލުމަށް މަގުފަހިވާނެ ކަމަށް އުންމީދު ކުރައްވާފަ އެވެ. މި ޕްލޭނަކީ ހަނގުރާމަ މަޑުޖައްސާލުމަށް ކުރާ ފުޅާ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ތެރެއިން ސީއައިއޭ އާއި މޮސާދާއި ޤަޠަރުގެ އޮފިޝަލުން ބައިވެރިވާ މަޝްވަރާތަކެކެވެ.
މަޝްވަރާތަކުގެ މަޤްޞަދަކީ އިންސާނީ އެހީތެރިކަމާއި ސުލްހައިގެ މަޝްވަރާތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން މަހެއްހާ ދުވަސް ނުވަނީސް ހަނގުރާމަތައް ވަގުތީ ގޮތުން ހުއްޓުވުމެވެ. ހަމާސް އިން އަދި މިކަމަށް އެއްބަސް ނުވާއިރު، ފަލަސްޠީނުގެ އޮފިޝަލުން ލަފާ ދެއްވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަގުފަހިވާނަމަ އެ ހުށަހެޅުމާ މެދު ހަމާސްއިން ވިސްނާނެނެ ކަމަށެވެ.
އިސްރާއީލުން މިފަހުން ފެށި ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ޣައްޒާއިން ފުރާނަ ގެއްލިފައިވާ މީހުންގެ ޢަދަދު ގާތްގަނޑަކަށް ބައިލައްކައާއި ކައިރިވެފައިވެއެވެ. ހަމަ މިދަނޑިވަޅު ލުބުނާނުގެ ހިޒްބުﷲ ނިއުޓްރަލައިޒް ކުރުމުގެ ނަމުގައި އިސްރާއީލުން ދަނީ ލުބުނާނުގެ އެކި އަމާޒުތަކަށް ޙަމަލާތައް ދެމުންނެވެ. އެ ޙަމަލާތަކަށް މަސްދުވަސް ވެފައިވާއިރު ލުބުނާނުން ތިން ހާހާއި ގާތްކުރާ ޢަދަދަކަށް މީހުންގެ ފުރާނަ ގެއްލިފައި ވެއެވެ. ނަމަވެސް މިފަހުން ހިޒްބުﷲގެ ޙަމަލާތައް ވަރުގަދަވެ އިސްރާއީލަށް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ. އެހެންކަމުން އިސްރާއީލުން މިހާރު އިޢުލާން ކޮށްފައިވަނީ ދިހަވަރަކަށް ދުވަހުގެ ތެރޭގައި އެއްގަމު މަގުން ލުބުނާނުގައި ހިންގަމުންދާ އޮޕަރޭޝަން ނިންމާލުމަށް ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.









