ޔުނައިޓެޑް ކިންގްޑަމް އިންޓެގްރޭޓެޑް ސެކިއުރިޓީ ފަންޑުގެ އެހީތެރިކަމާއެކު މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ "އެމްޕީއެސް އިމަޖެންސީ ޕްރިޕެއާޑްނަސް ރެސްޕޮންސް އެންޑް ރިކަވަރީ ޑިވޮލޮޕްމަންޓް ވަރކްޝޮޕް" މިއަދު ފަށައިފިއެވެ.
އިސްކަންދަރު ކޮށި މަލްޓިޕަރޕަސް ހޯލްގައި ކުރިއަށްދާ މި ވޯކްޝޮޕްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓީޖިކް އަދި ޓެކްނިކަލް ލެވެލްގެ އޮފިސަރުންގެ އިތުރުން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، މާލެ ސިޓީ ކައުންސިލް އަދި މޯލްޑިވްސް ޓުއަރިސްޓް އައިލެންޑް އެސޯސިއޭޝަންގެ ގުޅުންހުރި ދާއިރާތަކުގެ އިސްފަރާތްތައް ބައިވެރިވެއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕްގެ މައިގަނޑު މަޤްސަދަކީ ކުއްލި ޙާލަތްތަކުގައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ޤާބިލުކަން އިތުރުކުރުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ވޯކްޝޮޕްގައި އިންޓަރނޭޝަނަލް އިންޓެގްރޭޓެޑް އިމަޖެންސީ މެނޭޖްމަންޓް (އައިއީއެމް) ގެ އުސޫލުތަކާއި ޔޫކޭ ނެޝަނަލް ޑިސިޝަން މޮޑެލް (އެންޑީއެމް) އާ ގުޅޭ މަޢުލޫމާތު ޙިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން، ފެންބޮޑުވުމުގެ ބޮޑެތި ޙާދިސާތަކާއި، އަލިފާނުގެ ބޮޑެތި ޙާދިސާތަކާއި، ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ޙާދިސާތަކާ ގުޅޭ ސިމިއުލޭޝަން ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި ތަމްރީނުތަކުގެ ސަބަބުން، ކުއްލި ޙާދިސާތަކުގައި އެކި އިދާރާތަކުން ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށެވެ.
މި ވޯކްޝޮޕަކީ ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގެ ތައްޔާރީ ޙާލަތު އިތުރުކޮށް، ކުއްލި ޙާދިސާތަކުގައި އަވަސް އަދި ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ބުންޏެވެ.









