ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ރަސްމީ ދަތުރުފުޅެއްގައި ޓެންޒޭނިއާއަށް ވަޑައިގެންފިއެވެ.
މާދަމާ ފަށަން ހަމަޖެހިފައިވާ މަރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އެކަމަނާ ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި އަންހެނުން ބާރުވެރިކުރުވުމާއި، ބަލިތައް ފައިދާހުރި ގޮތެއްގައި މެނޭޖްކުރުމާއި، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފުޅާކުރުން ފަދަ މައުޟޫއުތަކުގައި މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ. މެޑަމް ސާޖިދާ މުޙައްމަދު ފަސްޓް ލޭޑީސް ޕެނަލްގައި ތަޤުރީރު ކުރައްވާއިރު، މުޅި އެފްރިކާ އާއި އޭޝިއާގައި ޞިއްޙަތާއި ޖެންޑަރ އިކުއަލިޓީއަށް ވަކާލާތު ކުރުމުގެ މަޤުޞަދުގައި ބާއްވާ މާކް ފައުންޑޭޝަންގެ ފަސްޓް ލޭޑީސް އިނިޝިއޭޓިވް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ފަސްޓް ލޭޑީސް އާއި ހެލްތު މިނިސްޓަރުންނާއި މެޑިކަލް އެކްސްޕާޓުން އެއްވާ މި ކޮންފަރެންސްގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ޞިއްޙީ ނިޒާމުތަކާއި ސިޔާސަތުތައް ހަރުދަނާ ކުރުމަށެވެ. ސާޖިދާ މުޙައްމަދު ފަދަ މަތީ ފަންތީގެ ލީޑަރުންގެ ބައިވެރިވުމަކީ ދެމެހެއްޓެނިވި ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމާ ބެހޭ ގޮތުން މާނަހުރި މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމެއް ކަމަށް ބެލެވެ އެވެ.
ޖަރުމަނުގެ މާކް ކޭޖީއޭއޭގެ ޗެރިޓަބަލް ޑިވިޝަނެއް ކަމަށްވާ މާކް ފައުންޑޭޝަނަކީ ޞިއްޙީ ޚިދުމަތް ލިބޭނެ ގޮތް ރަނގަޅުކުރުމާއި، މެޑިކަލް ޓްރެއިނިން އަށް އެހީތެރިވުމާއި، ޚާއްޞަކޮށް އެފްރިކާ އާއި އޭޝިއާގެ ޚިދުމަތް ނުލިބޭ ސަރަޙައްދުތަކުގައި އަންހެނުން ބާރުވެރިކުރުވާ މަސައްކަތްތައް ކުރިއެރުވުމަށް ކުރާ މަސައްކަތެކެވެ.









