ބޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް ފިލްމު "ބޫލް ބުލައްޔާ" ގެ ތިންވަނަ ބައިގައި ހިމެނޭ "އަމި ޖެ ތޮމާރު" މި ލަވައިގައި ވިދްޔާ ބާލަންއާއެކު މަޝްހޫރު ނެށުންތެރި މާދުރީ ޑިކްޝިޓް ފެނިގެންދާނެކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެގެން ދިޔައީ އަންނަ މަހުގެ 1 ވަނަ ދުވަހު ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ނިންމާފައިވާ "ބޫލް ބުލައްޔާ 3" ގައި ހިމެނޭ "އަމި ޖެ ތޮމާރު 3.0" މި ލަވަ ނެރުމާ ގުޅިގެންނެވެ. މި ލަވައަކީ މި ފިލްމު ސީރީޒްގައި ބޭނުންކުރާ ތިންވަނަ ފަހަރަށް ވުމާއެކު، މިފަހަރު މި ލަވަ ގެނެސްދެނީ "އަމި ޖެ ތޮމާރު 3.0" ގެ ގޮތުގައެވެ.
2007 ވަނަ އަހަރު ނެރުނު ފުރަތަމަ "ބޫލް ބުލައްޔާ" ގައި ޖިންނި އަވަލާފައިވާ ކެރެކްޓަރު މަންޖްލިކާއާއެކު "އަމި ޖެ ތޮމާރު" ގެނެސްދިން އިރު، ލަވައިގައި ފެނިގެން ދިޔައީ ވިދްޔާ ބާލަންއެވެ. ނަމަވެސް 2022 ވަނަ އަހަރު ނެރުނު "ބޫލް ބުލައްޔާ 2" ގައި މި ލަވަ ފިރިހެން އަޑުން ގެނެސްދިން އިރު، ލަވައަށް ނެށީ ފިލްމުގެ މައި ލީޑް ކަމުގައިވާ ކާރްތިކް އާރިޔަންއެވެ.
މިފަހަރުގެ "އަމި ޖެ ތޮމާރު 3.0" އަށް އެންމެ ޚާއްޞަ އެއް ސިފައަކީ ބޮލީވުޑްގެ އެންމެ ހުނަރުވެރި ނެށުންތެރިންގެ ތެރޭގައި ހިމެނޭ މަދޫރީ ޑިކްޝިޓްގެ ފަރި ހަރަކާތްތައް ވެސް ލަވައަށް އިތުރުވެގެން ދިއުމެވެ. އޭނާއާއެކު ވިދްޔާ ބާލަން ވެސް ލަވައިން ފެނިގެންދާއިރު، މި ލަވައަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ.
މީގެ އިތުރުން، ފުރަތަމަ ބައެކޭ އެއްގޮތަށް މިފަހަރުވެސް މި ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރި ޝްރެޔާ ގޯޝާލްކަން ފާހަގަކޮށްލެވެއެވެ. މިކަމުގެ ސަބަބުން ވެސް ލަވައަށް އިތުރު ސަމާލުކަމެއް ލިބިގެން ގޮސްފައިވެއެވެ.
"ބޫލް ބުލައްޔާ 3" އަންނަ މަހުގެ 1 ވަނަ ދުވަހު ބެލުންތެރިންނަށް ދޫކޮށްލާއިރު، "އަމި ޖެ ތޮމާރު 3.0" އަކީ ފިލްމުގެ އެންމެ ބޮޑު ހައިލައިޓްތަކުގެ ތެރެއިން އެއް ހައިލައިޓް ކަމުގައި ވާނެ ކަމަށް ލަފާކުރެވެއެވެ.









