ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެމްޑީޕީގެ ކުރީގެ ޗެއާޕާސަންގެ ހެވީލޯޑް ކުންފުންޏަށް ދޫކުރި 11 މިލިއަން ޑޮލަރުގެ ލޯނަށް ފައިސާ ނުދެއްކޭތީ، އެ ލޯނަށް ރަހުނުކޮށްފައިވާ ހެވީލޯޑްގެ ތިން ރަށެއް ވިއްކާލަން އިޢުލާންކޮށްފިއެވެ.
ވިއްކާލަން އިޢުލާންކޮށްފައިވާ ރަށްތަކަކީ ފަރެސް އައިލެންޑާއި ކުޑަ ފަރެސް އައިލެންޑް އަދި ބޮޑުހުރާ އައިލެންޑެވެ. މީގެ ތެރެއިން ފަރެސް އާއި ކުޑަ ފަރެސްގައި ހިންގަމުންދަނީ ރަހާ ރިސޯޓެވެ. އަދި ބޮޑުހުރާއަކީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށެކެވެ.
އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގައި ރީކޯ މޫސާ މަނިކުގެ ނުފޫޒު ވަރަށް ގަދައެވެ. ގިނަބަޔަކު އޭރު ތުހުމަތު ކުރީ ރަށްތައް މޫސާމަނިކު ހޯދީ ނުފޫޒުންނެވެ.
ބީއެމްއެލްއިން މަޢުލޫމާތު ދިންގޮތުގައި މި ރަށްތަކުގެ ހެޑްލީސް އެއްބަސްވުން ހަމަވާނީ 2064 ވަނަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ. މި ރަށްތައް ގަންނަން ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 28 ވަނަ ދުވަހެވެ.
ބޭންކުން ވަނީ މި ރަށްތައް ވިއްކާލުމަށް ދެ އޮޕްޝަނެއް ހުށަހަޅާފައެވެ. ފުރަތަމަ އޮޕްޝަނުގައިވާ ގޮތުން ތިން ރަށް އެއްކޮށް ގަންނަން ހުށަހަޅަންޖެހޭ އެންމެ ކުޑަ އަގަކީ 23.2 މިލިއަން ޑޮލަރު (355 މިލިއަން ރުފިޔާ) އެވެ. ދެވަނަ އޮޕްޝަނުގައިވާ ގޮތުން ފަރެސް، ކުޑަ ފަރެސް އަދި ބޮޑުހުރާ ވަކިވަކިން ގަނެވިދާނެއެވެ. ނަމަވެސް މި ގޮތަށް ވެސް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 23.2 މިލިއަން ޑޮލަރެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ކުންފުނިން މި ރަށްތައް ވިއްކާލަން ޖެހުނީ ހެވީލޯޑް ކުންފުނިން ބީއެމްއެލްއަށް ނަގާފައިވާ 11 މިލިއަން ޑޮލަރުގެ ލޯނަށް ފައިސާ ނުދެއްކުމުގެ ސަބަބުންނެވެ.









