ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ޓްރާންސްފޯމަރެއްގެ ތެރެއަށް ވައްކަން ކުރަން ވަދެ އިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހިޔާގެ 13 ވަނަ ޓަވަރު ކައިރީގައި ހުރި ޓްރާންސްފޯމަރެއްގެ ތެރެއަށް މީހަކު ވަދެ ވައްކަން ކުރަން އުޅުނު މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ފަތިހު 5:30 ހާއިރު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ނ. މާޅެންދޫ، ފެހިއައްސޭރި އަހުމަދު ރިޝްފާން (32އ) އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުން ސްޓެލްކޯގެ މުވައްޒަފުންނާއި ފުލުހުން އެ ޓްރާންސްފޯމަރު ކައިރިއަށް ދިޔައިރު އެ މީހާ އިނީ ޓްރާންސްފޯމަރު ތެރޭގައި، އެތެރެއިން ދޮރުގައި ހިފަހައްޓައިގެންނެވެ. އަދި އެ މީހާ ނެރެފައިވަނީ ސްޓެލްކޯގެ ދެ މުވައްޒަފަކު ވަރަށް ބާރަށް ދޮރަށް ދަމައިގެން ގަދަކަމުން ހުޅުވައިގެންނެވެ.
ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. މީގެ ކުރިން މިފަދަ ޙާދިސާއެއްގައި ވަނީ ވައްކަން ކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހިގެން މީހަކު މަރުވެސް ވެފައެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ގަދައަށް ކަރަންޓު ދީފައި އަދި ބިމު އަޑިން އަންނަ ހައި ވޮލްޓޭޖް ކޭބަލްތައް ސީދާ ގުލާފައި ހުންނަ މި ޓްރާންސްފޯމަރުތަކުގައި 11,000 ވޮލްޓޭޖް ހުންނަ ކަމަށެވެ.









