ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޝޮބިތާ ދުލިޕާލާ އާއި ދެކުނު އިންޑިއާގެ ސިނަމާގެ ބޮޑު ތަރި ނާގަ ޗައިތަންޔާ އަންނަ ޑިސެމްބަރު މަހު ކައިވެނިކުރަން ނިންމައިފިއެވެ.
މި ދެ ތަރިން މިހާރު ވަނީ އެމީހުންގެ ކައިވެނީގެ ތައްޔާރީތައް ފަށާފައެވެ.
ރިޕޯޓުތަކުން ހާމަވާ ގޮތުގައި، ޝޮބިތާ އާއި ނާގަގެ ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާގައި ރާޖިސްތާނުގައެވެ. ކައިވެނީގެ ކުރިން ބާއްވާ ސަގާފީ ހަފުލާއެއް މި މަހު ބޭއްވި އިރު، އެ ހަފުލާގެ ފޮޓޯތައް މި ދެ ތަރިން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
މި ހަފުލާގައި ޝޮބިތާ ފެނިފައިވަނީ ނާގަގެ މަންމަ އޭނާއަށް ހަދިޔާކުރި ގަހަނާ އަޅައިގެންނެވެ.
ޝޮބިތާ އާއި ނާގަ އެންގޭޖުވެފައިވަނީ މިދިޔަ އޮގަސްޓް މަހުގައެވެ. އެމީހުންގެ ގުޅުން ފެށުނީ 2021 ވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށް ވެއެވެ. އެއީ ނާގަ އޭނާގެ ކުރީގެ އަނބިކަނބަލުން، މަޝްހޫރު އެކްޓްރެސް ސަމަންތާ ރޫތު ޕްރަބޫ އާ ވަރިވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސްއެވެ.
ނާގަ އަކީ އިންޑިއާގެ މަޝްހޫރު އެކްޓަރު ނާގާރްޖުނާގެ ދަރިފުޅެވެ. ނާގަ އާއި ސަމަންތާ ވަރިވެފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭރު އަޑުއިވުނު ގޮތުގައި، އެ ދެމީހުން ވަކިވެފައިވަނީ ނާގަ އެހެން މީހަކާ ގުޅުން ބާއްވާކަން ފަޅާއެރުމުންނެވެ.
މި ކައިވެންޏަކީ އިންޑިއާގެ ފިލްމީ ދުނިޔޭގައި ވަރަށް ބޮޑަށް ސަމާލުކަން ލިބިފައިވާ ކައިވެންޏެކެވެ. ގިނަ ބަޔަކު މި ދެ ތަރިންގެ ކައިވެންޏަށް އިންތިޒާރު ކުރަމުންދާއިރު، އެމީހުންގެ މުސްތަޤުބަލާ މެދު ވެސް ގިނަ ބަޔަކު ޝައުޤުވެރިވެއެވެ.









