މިރޭ ގުޅީފަޅު ކައިރީގައި ދެ ލޯންޗް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ އަދަދު 12 އަށް އަރައިފި ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
ފުލުހުން މަޢުލޫމާތު ދިންގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 19:34 ގައެވެ. އެކްސިޑެންޓް ހިނގުމާއެކު އެވަގުތު ހަތަރު މީހަކު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދެވުނު ކަމަށާ، އޭގެފަހުން އިތުރު ބަޔަކު އަނެއްކާ ވެސް އެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ފުލުހުން ބުންޏެވެ. މި އެންމެންނަކީ ވެސް ލޯންޗު އެކްސިޑެންޓާއި ގުޅިގެން އަނިޔާވި މީހުން ކަމަށް ފުލުހުން ކަށަވަރުކޮށްދިނެވެ.
މިހާދިސާ ފުލުހުން ތަޙުޤީގު ކުރަމުންދާއިރު، މިއެކްސިޑެންޓްގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދެވުނު އެއްވެސް މީހެއްގެ ހާލު “ސީރިއަސް ނޫން" ކަމަށް އައިޖީއެމްއެޗާއި ޙަވާލާދީ ފުލުހުން ބުނެއެވެ.






