ރަޖިސްޓްރީ ނުކޮށް މީޑިއާއެއްގެ ގޮތުގައި ހިންގަމުން އަންނަ "ދިޔަވަރު" ވެބްސައިޓުން ފަތުރަމުން އަންނަނީ ޙަޤީޤަތާއި ޚިލާފު ޚަބަރުތައް ކަމަށް ބުނެ، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު އިލްތިމާސް ކޮށްފިއެވެ.
އެމްއެމްސީން މިއަދު ނެރުނު އެޑްވައިޒަރީއެއްގައި ބުނިގޮތުގައި، މިއަހަރު އެ ކައުންސިލަށް ލިބިފައިވާ 77 ޝަކުވާގެ ތެރެއިން 63 މައްސަލައަކީ "ދިޔަވަރު" ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ލިޔުންތަކާއި ފޮޓޯތަކާއި ގުޅޭ ގޮތުން ހުށަހެޅިފައިވާ ޝަކުވާތަކެވެ. މި ޝަކުވާތައް ހުށަހަޅާފައިވަނީ ރައީސް އޮފީހާއި ސަރުކާރުގެ އެހެނިހެން އިދާރާތަކުންނެވެ.
އެމްއެމްސީން ބުނީ، މި ޝަކުވާތަކުގެ ތެރެއިން 61 މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުށަހަޅާފައިވާ ޝަކުވާތަކެވެ. އަދި ޕަބްލިކް ސާވިސް މީޑިއާގެ ފަރާތުން އެއް ޝަކުވާއާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ ފަރާތުން ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ހުށަހެޅި ޝަކުވާތަކުގައި ބުނީ، ދިޔަވަރުން ދޮގު ޚަބަރުތައް ފެތުރުމުގެ މަޤުޞަދަކީ ސަރުކަރާއި މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދައި ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށް ކުރާ އިތުބާރު ގެއްލުވާާލުން ކަމަށެވެ.
އެމްއެމްސީގެ ޝަކުވާ ބަލާ ކޮމިޓީން މި މައްސަލަތައް ބަލައި ދިރާސާ ކުރުމަށްފަހު ނިންމާފައިވަނީ، "ދިޔަވަރު" ވެބްސައިޓުގައި ޢާންމުކޮށްފައިވާ ގިނަ ކޮންޓެންޓަކީ މީޑިއާ ކައުންސިލްގެ ޤާނޫނާއި ޤަވާޢިދާއި މީޑިއާތަކުން ޢަމަލު ކުރަން ޖެހޭ އަޚުލާޤީ މިންގަނޑއި ޚިލާފަށް ޝާއިޢުކޮށްފައިވާ ލިޔުންތައް ކަމަށެވެ.
މިކަންކަމަށް ރިއާޔަތްކޮށް އެމްއެމްސީން ވަނީ "ދިޔަވަރު" ވެބްސައިޓަކީ ގިނަ ޢަދަދެއްގެ ޙަޤީޤަތާއި ޚިލާފު ޚަބަރުތައް ފަތުރަމުންދާ ވެބްސައިޓެއް ކަމަށް ކަނޑައަޅައި، އެކަން ޢާންމުންގެ ސަމާލުކަމަށް ގެނެސް، ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އެމްއެމްސީން ޢާންމުންނަށް އަންގައިދީފައިވާ ގޮތުގައި:
- "ދިޔަވަރު" ވެބްސައިޓުގައި ޝާއިޢުކުރާ ލިޔުންތަކާއި ފަތުރާ މަޢުލޫމާތުތައް އެހެން މީޑިއާ ވަޞީލަތްތަކާއި އެހެނިހެން މަސްދަރުތަކުން ބަލައި ވެރިފައި ކުރުމަށް.
- އެ ވެބްސައިޓުން ޝާއިޢު ކުރާ ލިޔުންތައް މީސްމީޑިއާ އާއި އެހެނިހެން ވަޞީލަތްތަކުގައި ޝެއާކޮށް ނުފެތުރުމަށް.
- ސުރުޚީ އެކަނި ކިޔުމުގެ ބަދަލުގައި އާޓިކަލް ހުޅުވައި ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައިގެން ޙަޤީޣަތާއި އެއްގޮތަށް ޚަބަރު ލިޔެފައިވޭތޯ ބެލުމަށް.
- އެ ވެބްސައިޓަކީ ވަކި ފަރާތަކަށް ބުރަވެ ޚަބަރު ފަތުރާ ވަޞީލަތެއް ކަމުން ޚަބަރުތައް ކިޔުމުގައި އެކަމަށް ސަމާލުވުމަށް.









