ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތަށި ވެމްކޯއިން މިލްކު ކޮށްފިއެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފޯރިގަދަ ފައިނަލްގައި ކްލަބް ވެމްކޯއިން ޕޮލިސް ކްލަބް ބަލިކުރީ 3-1 ސެޓުންނެވެ.
ކުރިން ރާއްޖޭގެ ވޮލީގައި އެންމެ ކާމިޔާބު ޕޮލިސް ކުލަބަށް ފުރަތަމަ ދެ ސެޓް ވެސް ވަނީ ގެއްލިފައެވެ. ވެމްކޯއިން އެ ދެސެޓް ހޯދީ 25-23 އަދި 25-13 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ތިން ވަނަ ސެޓުގައި ޕޮލިސް ކްލަބުން ތަފާތު ކުޅުމެއް ދައްކައި އެ ސެޓް ގެންދިޔައެވެ. އެއީ، 25-12 އިންނެވެ. ނަމަވެސް، ވެމްކޯއިން އެނބުރި އައިސް ހަތަރު ވަނަ ސެޓް 25-16 އިން ކާމިޔާބުކޮށް ޗެމްޕިއަންކަން ކަށަވަރުކޮށް، މެޗު ނިންމާލީ 3-1 ސެޓުން މޮޅުވެ ޤައުމީ އަންހެން ވޮލީ ތަށި މިލްކު ކޮށްގެންނެވެ.
މި މޮޅަކީ ގައުމީ ލީގުގައި ވެމްކޯއިން ހޯދި މޮޅާއެކު، ކްލަބް ވޮލީބޯޅައިގައި ވެމްކޯއަށް މި އަހަރު ލިބުނު ދެވަނަ ބޮޑު ކާމިޔާބީއެވެ. ވެމްކޯގެ ތަރިން ކަމަށްވާ ފާތިމަތު ޖޫޒާން ޒަރީރާއި އައިޝަތު މާޖިދާ މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ ޕޮލިސް ކުލަބުގެ ހައްވާ ރާޝިދާއާ އެކު އެވެ.
މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ވޮލީބޯޅަ ޔޫތު ނިއު ޖެނެރޭޝަންގެ އައިޝަތު ނަސްމާ އަޙްމަދު ހޮވުނުއިރު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަޤާމް ލިބުނީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ އުޒްބެކިސްތާނުގެ އިންނަ ޔަކޯވްލެވާ އަށެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ވެމްކޯގެ ހެޑް ކޯޗު އަހުމަދު އަދީލް އަށެވެ.









