ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ރަނގަޅުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ފިޔަވަޅެއްގެ ގޮތުގައި، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10% އުނިކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅިދާޅުވެފައިވަނީ، 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވާފައިވާ ކަމަށެވެ. މިގޮތުން މުސާރައާ ގުޅޭ ފިޔަވަޅުތައް 2 އަހަރު ދުވަހުގެ މުއްދަތަށް އަޅުއްވަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ ކުރިން، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން 228 ސިޔާސީ މުވައްޒަފުން މަޤާމުން ވަކިކުރަން ރައީސް ނިންމަވާފައިވެއެވެ. މީގެ އިތުރުން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ވަނީ ސަރުކާރުގެ ވިޔަފާރި ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން އަންގާފައެވެ.
މި ފިޔަވަޅުތަކުގެ ތެރޭގައި ބޭރަށާއި އަތޮޅުތެރެއަށް ކުރާ ދަތުރުތައް މަދުކުރުމާއި، ބައިނަލްއަޤްވާމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމާއި، ދަތުރުފަތުރުގެ ޚަރަދުތައް ވީހާވެސް ކުޑަކުރުން ހިމެނެއެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން ވެސް ދަނީ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ.
ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން މި އަޅަމުންދާ ފިޔަވަޅުތަކަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ސަރުކާރުން ބުނެއެވެ.









