ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ހާމަކުރައްވައިފިއެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި މުސާރައާ ގުޅޭ ގޮތުން ފިޔަވަޅުތައް 2 އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވެއެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި، ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10% އުނިކުރުމާއި، ކުންފުނިތަކުގެ ވެރިންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން ހިމެނެއެވެ.
"މިހާރު 100،000ރ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނިތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭ،" ރައީސް އެކްސްގައި ކުރެއްވި އެ ޕޯސްޓްގައި ވިދާޅުވިއެވެ.
ނަމަވެސް، މި ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާ ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި މާލީ ޙާލަތުން އަރައިގަތުމަށް ރައީސްގެ އިސްނެންގެވުމުގެ މަތިން ދައުލަތުގެ ޚަރަދުތައް ހަމަ މަގަށް އެޅުވުމަށް ގިނަގުނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. މީގެ ކުރިން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ވެސް ވަނީ ސަރުކާރުގެ ވިޔަފާރި ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް އަންގާފައެވެ.









