ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މަސައްކަތް ކުރިއަށް ނުދާ 22 ރަށެއްގެ އެއްބަސްވުން ބާޠިލްކުރުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ. މިކަން ހާމަކުރެއްވީ ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް، ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އެކި ސަބަބުތަކާ ހެދި ފަތުރުވެރިކަމަށް ނުނެރެވި ހުރި ރަށްތަކުގެ ޢަދަދު 58 އަ އަށް އަރައެވެ. މީގެ ތެރެއިން ބައެއް ރަށްތައް ދޫކޮށްފައިވާތާ 20 އަހަރު ނުވަތަ 30 އަހަރު ވެފައިވާއިރު ވެސް އަދިވެސް ނުހުޅުވި ހުރިކަން ފާހަގަކުރެއްވިއެވެ.
"އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ 22 ރަށެއްގެ އެއްބަސްވުން ޓަރމިނޭޓުކުރުމަށް ބަންޑާރަނައިބުގެ ލަފާފުޅަކަށް އެދިފައިވާނީ،" ވަޒީރު ފައިޞަލް ވިދާޅުވިއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމާބެހޭ ޤާނޫނަށް އިޞްލާޙުތަކެއް ގެނައުމަށް ވެސް ވަނީ ނިންމާފައެވެ. މި އިޞްލާޙުތައް ގެންނަނީ އެއްބަސްވުން ބާޠިލްކުރުމުން އެކަށީގެންނުވާ ބަދަލުތަކެއް ކޯޓަށް ގޮސްގެން ހޯދުމުގެ ފުރުޞަތު ނުދިނުމަށްޓަކައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަސައްކަތް ހުއްޓިފައި ހުރި ބައެއް ރަށްރަށުން ދައުލަތަށް ދައްކަންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ އެބަހުއްޓެވެ. އެހެންކަމުން، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ދީގެން ލުއިގޮތްތަކެއް ހަމަޖައްސައިދިނުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން މަސައްކަތްކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ސަރުކާރުގެ މަޤްޞަދަކީ ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާކޮށް، މި ސިނާޢަތުން ލިބޭ ނަފާ އިތުރުކުރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން، ފަތުރުވެރިކަމަށް އިތުރު ރަށްތައް ނެރެ، ބޭރުގެ އިންވެސްޓަރުން ގެނައުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.









