ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނެރެފައިވާ އެންމެ ފަހުގެ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,603,287 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.5 އިންސައްތައިގެ ކުރިއެރުމެކެވެ.
މި އަހަރުގެ އޮކްޓޫބަރު މަހުގެ ފުރަތަމަ 21 ދުވަހުގެ ތެރޭގައި 111,265 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7.7 އިންސައްތައިގެ އިތުރުވުމެކެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 5,435 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ޗައިނާ (235,765)، ރަޝިއާ (176,185)، އިނގިރޭސިވިލާތް (136,081)، ޖަރުމަނުވިލާތް (120,380),380) އަދި އިޓަލީވިލާތް (111,478) ހިމެނެއެވެ. އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދުވެސް ވަނީ 96,763 އަށް އަރާފައެވެ.
ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ 2 މިލިޔަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމަށް މިހާރު ބޭނުންވަނީ އިތުރު 396,713 ފަތުރުވެރިންނެވެ. މި އަމާޒު ހާސިލުކުރުމަށްޓަކައި ސަރުކާރުން ދަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިގެން ބޭރު ޤައުމުތަކުގައި ބާއްވާ ފެއަރތަކުގައި ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ.









