ފާއިތުވީ 11 މަސްތެރޭ 328 މިލިއަން ރުފިޔާގެ މަސްތުވާ ތަކެތި އަތުލާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ
ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވަމުން އިއްޔެ ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ޚާއްޞަ އިސްކަމެއް ދީގެން ކުށްކުރުން ހުއްޓުވުމަށް ދިވެހި ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިފައިސާތައް އަތުލާފައިވަނީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހިންގި އޮޕަރޭޝަންތަކުގައެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެއިން ފައިސާ ހޯދައި ބޮޑެތި ވިޔަފާރިތައް ފަށައި ޒުވާނުން "ހައްދުން ނެއްޓިފައިވާއިރު" އެކަންތައް ބެލޭނެ ރަނގަޅު މެކޭޏިޒަމެއް ނެތެވެ. އެހެންކަމުން ނުޙައްޤުން މުއްސަނދިކަން ހޯދާ ފަރާތްތައް ދެނެގަނެވުނަސް އެފަރާތްތަކުގެ މައްޗަށް ތަޙުޤީޤު ހިންގައި އަދި އެފަރާތްތަކުން ހުއްދަ ވިޔަފާރީގެ ތެރެއިން ދެން ހިންގަމުންދާ ނާޖާއިޒު ހުއްދަ ނޫން ވިޔަފާރިތައް މޮނިޓަރ ކުރުމަށް ވަނީ އުނދަގޫ ވެފައެވެ.
ޤާނޫނީ ގޮތުން އެފަރާތްތަކުގެ ފޯނު ވެސް ހިފަހައްޓައި އެމީހުންގެ ނެޓްވޯކު ދެނެގަނެވޭނެ ގޮތަށް ޤާނޫނުން އޮތީ ފުރުޞަތުވެސް ލިބިފައެވެ. މަސްތުވާ ތަކެތީގެ ވިޔަފާރި މާލެއިން ބޭރުވެ އަތޮޅު ތެރެއަށް ވެސް ވަނީ ފެތުރިފައެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ފުުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ގުޅިގެން ވަރަށް ފަހުން ލ. ހިނަވަރާއި ނައިފަރުން ވެސް ފަސް މީހަކު ހައްޔަރުކޮށް، އެމެރިކާ ޑޮލަރާއި ޔޫރޯއާ އެކު ޖުމްލަ 293،000ރ. ވަނީ އަތުލާފައެވެ.
އަދި މިމަހުގެ 19 ވަނަ ދުވަހު ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން އިތުރު ތިން ތަނެއް ބަލައިފާސްކުރިއިރު މަސްތުވާ ތަކެތި ވިއްކައިގެން ހޮދާފައިވާ ނަގުދު ފައިސާގެ ގޮތުގައި 86،000 ރުފިޔާ ފެނިފައިވެ އެވެ.
މީގެ އިތުރުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ހާމަކުރެއްވި ގޮތުގައި ފާއިތުވި 11 މަސްދުވަހުގެ ތެރޭގައި އަތުލައިގަތް މާއްދާތަކުން މަސްތުވާތަކެތީގެ މައްސަލައިގެ ބޮޑުކަން ހާމަވެގެންދެއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހަރުދަނާ ކުރުމަށް އަމާޒުކޮށްގެން މަސްތުވާތަކެއްޗާ ދެކޮޅަށް ދެ ބިލެއް ފާސްކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަން އޭނާ ކަށަވަރުކޮށްދެއްވި އެވެ.
މިކަމާ ގުޅޭ ގޮތުން ސަރުކާރުން ރާވަމުންދަނީ ޖިނާއީ ނުފޫޒުތަކުން ކުޑަކުދިން ސަލާމަތް ކުރުމަށް ހިންގާ ރިހެބިލިޓޭޝަން މަޝްރޫއެއް ކަމަށްވާ ހޯޕް އައިލެންޑް ގާއިމްކުރުމަށެވެ. މި ޕްރޮޕޯސަލް ފަންޑިންގ އެޕްރޫވަލް ކުރުމަށް އަންނަ ހަފްތާގައި އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.









