ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހިދު ކަޕޫރު އޭނާގެ ކެރިއަރުގައި މުޅިން އައު ބާވަތެއްގެ ރޯލެއް ކުޅެން ތައްޔާރުވަމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. މި ވަގުތު ރަސްމީކޮށް ނަން އިއުލާންކޮށްފައި ނުވާ މި ފިލްމުގައި ޝާހިދު ކުޅޭނީ ކުރީގެ މަޝްހޫރު ގޭންގްސްޓަރު ދާއޫދު އިބްރާހީމްގެ ބޮޑު ވާދަވެރިއެއް ކަމަށްވާ ހުސައިން އުސްތާރާގެ ރޯލު ކަމަށް ބުނެވެއެވެ.
މި ފިލްމަކީ ޑައިރެކްޓަރު ވިޝާލްއާ އެކު ޝާހިދު ކަޕޫރު މަސައްކަތްކުރާ ހަތަރުވަނަ ފިލްމެވެ. މީގެ ކުރިން އެ ދެމީހުން އެކުގައި މަސައްކަތްކޮށްފައިވަނީ 2017 ގެ "ރަންގޫން"، 2014 ގެ "ހައިދަރު" އަދި 2009 ގެ "ކަމީނޭ" ގައެވެ.
މި އައު ޕްރޮޖެކްޓްގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ޝާހިދުގެ އިތުރުން، ބަތަލާގެ ރޯލު އަދާކުރާ ޓްރިޕްތީ ދިމްރީ ވެސް އޭނާގެ ކެރެކްޓަރަށް ތައްޔާރުވުމުގެ ގޮތުން އެކްޓިންގ ވޯކްޝޮޕްތަކެއްގައި ބައިވެރިވަމުން އަންނަ ކަމަށް މީޑިއާތަކުން ހާމަކޮށްފައިވެއެވެ.
43 އަހަރުގެ ޝާހިދު ކަޕޫރު އެންމެ ފަހުން ސްކްރީނުގައި ފެނިފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރި "ތޭރީ ބާތީ މޭ އޭސާ އުލްޖާ ޖިއާ" އިންނެވެ. އޭނާ އެންމެ އަވަހަށް ފެންނާނީ އަންނަ އަހަރުގެ ފެބްރުއަރީ 14 ގައި ރިލީޒްކުރާ އެކްޝަން ތްރިލަރު "ދޭވާ" އިންނެވެ.
މި އައު ފިލްމާއެކު ޝާހިދުގެ އެކްޓިންގ ކެރިއަރުގައި އައު ބާބެެއް ހުޅުވިގެންދާނެ ކަމަށް ގިނަ ފަންނުވެރިން ލަފާކުރެއެވެ.









