މިއަހަރު 17 ފުލުހުން ވަޒީފާއިން ވަކިކޮށްފި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ، މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް 48 ފުލުހަކަށް ފިޔަވަޅު ވެސް އަޅާފައިވާކަމަށެވެ.
ސީޕީ ޝުޖާޢު ވިދާޅުވީ މީގެކުރިން ފުލުހުންނާއި ގުޅިގެން ހުށައެޅޭ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ގިނަ ފަހަރަށް ޢާންމު ނުކުރެވޭޭ ކަމަށެވެ. އެހެންނަމަވެސް އެފަދަ މައްސަލަތަކާ ބެހޭ މަޢުލޫމާތު ހާމަކުރުމަށް އިސްކަންދެއްވާނެ ކަމަށެވެ.
ސީޕީ ޝުޖާޢު ވަނީ މަސްތުވާތަުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 177 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މި މުއްދަތުގައި މަސްތުވާތަކެއްޗާއި ގުޅިގެން 900 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، މީގެ ތެރެއިން 145 ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މަދަނީ ކަންތަކުގައި ޚިދުމަތް ދިނުމަށް ފުލުހުންގެ މުއައްސަސާއަށް އަލަށް 360 އަށްވުރެ ގިނަ ފުލުހުން ތަމްރީން ހަދަމުންދާ ކަމަށާއި، ފުލުހުންގެ ޚިދުމަތުގައި ތަމްރީން ނުހަދައި ތިބި ފުލުހުންނަށްވެސް ތަމްރީން ދިނުމަށް މަސައްކަތްކުރަމުންދާކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ ޝުޖާޢު ދެއްވި މަޢުލޫމާތުގައި، މަސްތުވާތަކެއްޗާއި ގުޅިގެން އިތުރު ތަފްޞީލުތަކެއްވެސް ހިއްސާކުރެއްވިއެވެ. އެގޮތުން:
- ރާ، ބަނގުރާ ފުޅި ހިމެނޭހެން 8،300 އަށްވުރެ ގިނަ ތަކެތި އަތުލައިގަނެފައިވާކަން
- އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ މަގުމަތީ އަގު 328 މިލިޔަން ރުފިޔާއަށް އަރާކަން
- މަސްތުވާތަކެއްޗާއިގުޅޭ 355 މައްސަލައިގެ ތަޙުޤީޤު ނިންމާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަން
- މާލެއާއި އަތޮޅު ތެރޭގައި މަސްތުވާތަކެއްޗާގުޅޭ 155 އޮޕަރޭޝަނެއް ހިންގާފައިވާކަން
- މަސްތުވާތަކެތީގެ ތަޙުޤީޤުތަކަށް 12،000 އަށްވުރެ ގިނަ ތަން ބަލާ ފާސްކޮށްފައިވާކަން
ސީޕީ ޝުޖާޢު ވިދާޅުވީ، ފުލުހުންގެ ޚިދުމަތަށް އަލަށް ނެރޭ ފުލުހުންނަށް ތަމްރީން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. "ޓްރެއިނިން ހަދައިގެން ޚިދުމަތަށް އަންނަ ކުދިން، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މާރަނގަޅުވާނެ. އެހެންކަމުން މިހާރު ފުލުހުންގެ ޚިދުމަތުގައި ޓްރެއިނިން ނުހަދައި ތިބި ފުލުހުންނަށް ތަމްރީން ދެވޭތޯ މިދަނީ މަސައްކަތް ކުރަމުން." ސީޕީ ވިދާޅުވިއެވެ.









