ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 23 އަހަރުގެ ޒުވާނެއް މަރުވި މައްސަލާގައި ކާރު ދުއްވި ފަރާތުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި، މި މައްސަލާގައި ދަޢުވާކުރަނީ ސ. ހިތަދޫ ވައިލެޓްފެހި، އުމުރުން 26 އަހަރުގެ މުޙައްމަދު ވިސާމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.

މި އެކްސިޑެންޓުގައި މަރުވެފައިވަނީ ލ. އިސްދޫ، ބީޗްހައުސް، ޙަސަން ސަމާހްއެވެ. އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވަމުންދިޔަ ކާރެއްގައި ސައިކަލު ޖެހިގެންނެވެ. ސައިކަލު ދުއްވަމުންދިޔަ ސަމާހް މަރުވީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.
މި މައްސަލައިގައި ކާރު ދުއްވި މުޙައްމަދު ވިސާމް ވަނީ ހައްޔަރުކޮށްފައެވެ. އަދި ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. މި ނިންމުން ވިސާމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް، ހައިކޯޓުން ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ރަނގަޅުކަމަށް ކަނޑައަޅާފައެވެ.









