ސައުދީ އަރަބިއްޔާގެ ދެ ލޯބިވެރިން، ޔާސްމީން ދަފްތާދާރު އާއި ހަސަން އަބޫ އޯލާ، ޖިއްދާ ކައިރީގައި އޮންނަ ރަތް ކަނޑުގެ އަޑީގައި ކައިވެނިކޮށްފިއެވެ. މިއީ ސައުދީ އަރަބިއްޔާގައި ކަނޑުއަޑީގައި ކުރެވުނު ފުރަތަމަ ކައިވެނި ކަމަށް ގަލްފް ނިއުސްއިން ރިޕޯޓުކޮށްފައިވެއެވެ.
މި ދެ ލޯބިވެރިންނަކީ ޑައިވިންގއަށް ޝައުގުވެރިވާ ދެ މީހުން ކަމަށްވާތީ، އެ ދެމީހުންގެ ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށް ހޮވާލީ ރަތް ކަނޑުގެ އަޑިކަމަށް ޔާސްމީން ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނީ އެކި ކުލަކުލައިގެ މުރަކަތަކާއި ފަރުތަކާއި މަސްމަހާމެހީގެ ތެރޭގައި ކައިވެނިކުރުމަކީ ވަރަށް ރޮމޭންޓިކް ކަމެއް ކަމަށެވެ.
މި ޚާއްޞަ ރަސްމިއްޔާތުގައި އެ ދެމީހުންގެ އެކުވެރިންނާއި ޑައިވިންގއަށް ޝައުގުވެރިވާ ގިނަ ބަޔަކު ބައިވެރިވިއެވެ. އަދި އެ ދެމީހުންގެ އެކުވެރިން ވަނީ ކަނޑުގެ އަޑީގައި ޚާއްޞަ ސަޕްރައިޒް ހުށަހެޅުމެއްވެސް ހުށަހަޅާފައެވެ.
މިޒަމާނަކީ ރީތި އެކިއެކި ތަންތަނުގައި ކައިވެނީގެ ހަފްލާތައް ބާއްވަމުން އަންނަ ޒަމާނެއްކަން ފާހަގަކުރެވެއެވެ. އެގޮތުން މި ދެ ލޯބިވެރިން ވެސް ބޭނުންވެފައިވަނީ ހަނދާނުން ނުފިލާފަދަ ތަނެއްގައި އެމީހުންގެ ކައިވެނީގެ ހަފްލާ ބޭއްވުމަށެވެ. މިހާރު އެ ދެމީހުންގެ އެ އުންމީދު ވަނީ ހާސިލުވެފައެވެ.
މި ކައިވެނި ބޭއްވުނީ މިދިޔަ ހަފްތާގައި ކަމަށްވާއިރު، މިކަމުގެ ސަބަބުން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ގިނަ ބަޔަކު މިދެ ލޯބިވެރިންނަށް ހެޔޮ އެދުންތައް ފޮނުވާފައިވާއިރު، ބައެއް މީހުން ވަނީ މިފަދަ ކައިވެނިތަކުގެ ސަބަބުން ތިމާވެއްޓަށް ކޮށްފާނެ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.



