އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ލައިސެންސް މިހާރު ރާއްޖޭގެ 39 ރަށެއްގެ ކައުންސިލް މެދުވެރިކޮށް ނެގޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ބުނި ގޮތުގައި، އެންމެ ފަހުން އިތުރު 9 ރަށަކަށް މި ހުއްދަ ދީފައިވެއެވެ. އެ ރަށްތަކަކީ ހއ. މޮޅަދޫ، ހއ. އިހަވަންދޫ، ބ. ކެންދޫ، ހއ. ކެލާ، ތ. ވިލުފުށި، ރ. ހުޅުދުއްފާރު، ރ. ދަރަނބޫދޫ، ގދ. ގައްދޫގެ އިތުރުން، މ. ދިއްގަރު އަދި ވ. އަތޮޅު ކައުންސިލްއެވެ.
ނަމަވެސް، ބައެއް ކައުންސިލްތަކުގެ އޭރިއާތަކުގައި ކަނޑައެޅިފައިވާ މިންގަނޑުން ބޭރުން އެސެސް ކުރުމެއްނެތި ލައިސަންސް ދޫކުރަމުންދާ ކަމަށް އެ ވުޒާރާއިން މީގެ ކުރިން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައާ ގުޅޭ ގޮތުން ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، "އަޅުގަނޑުމެންގެ ސިޔާސަތަކީ ވަގުތުން ފިޔަވަޅު އެޅުމެއް ނޫން" ކަމަށެވެ. އޭގެ ބަދަލުގައި، އެ ވުޒާރާގެ ތެރޭގައި އެކަމަށް ނިޒާމެއް އެކުލަވާލައިފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
މި ނިޒާމުގެ ދަށުން، ހުއްދަ ދެވިފައިވާ ދާއިރާތައް އޮޑިޓު ކުރުމަށްފަހު ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށް ވަގުތު ދެވޭނެއެވެ. އަދި އެ ކަންކަން ރަނގަޅު ނުކުރެވިއްޖެނަމަ، ދެވިފައިވާ ހުއްދަތައް ބާޠިލުކުރެވިދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި އިޖުރާއަތުގެ ސަބަބުން، ލައިސަންސް ދޫކުރުމުގެ މިންގަނޑުތައް ހަރުދަނާވެ، އެއްގަމު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވާނެ ކަމަށް އުއްމީދު ކުރެވެއެވެ.









