ހަނގުރާމައިގައި ޝަހީދުވާ މީހުންގެ މައްޗަށް ކަށު ނަމާދު ކުރުން ނޯންނަ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ އިސްލާމްދީނުގެ ޖުމުހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންނާ ހަނގުރާމަކުރަނިކޮށް މައިދާނުގައި ޝަހީދުވާ މީހުންގެ މައްޗަށް ކަށު ނަމާދު ކުރުމެއް ނޯންނަ ކަމަށެވެ. އެގޮތަށް ކަށު ނަމާދު ކުރެވިދާނެކަމަށް ދެކެނީ ވަރަށް މަދު އިލްމުވެރިއެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ޖާއިޒުކަމަށް ދެކޭ އިލްމުވެރިން ވެސް ބުނަނީ އެއީ ވާޖިބު ކަމެއް ނޫން ކަމަށެވެ. އަދި ދީނުގެ ކަންކަމުގައި އަޅުގަނޑުމެން ޢަމަލުކުރަންވާނީ ދީނުގައި އޮންނަ ރަނގަޅު ގޮތަށާއި، ކީރިތި ރަސޫލާގެ ޞައްޙަ ސުންނަތުގައި އޮންނަ ގޮތަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އުޙުދު ހަނގުރާމައިގައި ޝަހީދުވި މާތް ޞަޙާބީންގެ މައްޗަށް ކީރިތި ރަސޫލާ ކަށު ނަމާދު ކުރައްވާފައި ނުވާ ކަމަށެވެ. އެ ހަނގުރާމައިގައި އެކަލޭގެފާނުގެ މާތް ބޮޑު ބޭބޭފުޅު ޙަމްޒަތުގެފާނުގެ ވެސް ޝަހީދުވެވަޑައިގެންނެވި ކަމަށާއި، ޙަމްޒަތުގެފާނުގެ މައްޗަށް ވެސް، އެހެން ބޭކަލެއްގެ މައްޗަށް ވެސް ވަޅުލުމުގެ ކުރިން ކަށު ނަމާދު ކުރައްވާފައި ނުވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް އިތުރަށް ވިދާޅުވީ ޝަހީދުން ވަޅުލަނީ ނުހިނަވައި އެމީހުންގެ ލެއާއެކުގައި ކަމަށާއި، ޝަހީދުންނަކީ މަރުވިޔަސް، ދިރި ތިބި ބައެއް ކަމަށެވެ. އަދި ޝަހީދުންގެ މައްޗަށް އޮތީ ހެޔޮ ދުޢާކުރުން ކަމަށް ޝަހީމް ވިދާޅުވިއެވެ.









