ބިގްބޮސް ސީޒަން 9 ގައި އާންމުންގެ މަގްބޫލުކަން ހޯދާފައިވާ ޕްރިންސް ނަރޫލާ އާއި ޔުވިކާ ޗޯދުރީއަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ. މި އުފާވެރި ޚަބަރު ހިއްސާކޮށްފައިވަނީ އެ ދެމީހުންގެ ވަރަށް ގާތް ފަރާތަކުން ހިންދުސްތާނީ ޓައިމްސްއަށެވެ.
އެ މަސްދަރުގެ މަޢުލޫމާތުގައިވާ ގޮތުން، ޕްރިންސް އާއި ޔޫވިކާގެ ދަރިފުޅު އުފަންވެފައިވަނީ 19 އޮކްޓޫބަރ 2024ގެ ހަވީރު ވަގުތުގައެވެ. އަދި މި ވަގުތާ ހަމައަށް ޕްރިންސް އާއި ޔޫވިކާގެ ފަރާތުން މިކަމާ ގުޅޭގޮތުން ރަސްމީ ބަޔާނެއް ދީފައި ނުވިނަމަވެސް، ޕްރިންސްގެ ބައްޕަ ފަރާތުން އެމީހުންނަށް އަންހެން ކުއްޖަކު ލިބިފައިވާކަން ވަނީ ޔަގީން ކޮށްދީފައެވެ.
މި އުފާވެރި ޚަބަރު އާންމުންނާ ހިއްސާކުރުމުގެ ކުރިން، އެ ދެމީހުންނަށް ދަރިއަކު ލިބެން އުޅޭކަން އިޢުލާންކޮށްފައިވަނީ މީގެ 3 މަސް ކުރިންނެވެ. އެމީހުން މި ޚަބަރު އިޢުލާންކުރީ ވަރަށް ތަފާތު އަދި އުފެއްދުންތެރި ގޮތަކަށެވެ. އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއެއްގައި ފެނިގެން ދިޔައީ އެއްވައްތަރުގެ ކުޑަ އަދި ބޮޑު ރަތްކުލައިގެ ކާރެއް ބާއްވާފައި އޮންނަ މަންޒަރެވެ. ދެވަނަ ފޮޓޯގައި ޕްރިންސް ހުރީ ކާރުތަކާ ދިމާލަށް ބަލަހައްޓައިގެންނެވެ.
ޕްރިންސް އާއި ޔޫވިކާގެ ލޯބީގެ ގުޅުން ފެށުނީ ބިގްބޮސް 9 ގައި ބައިވެރިވެގެންނެވެ. އެ ދެމީހުން 2018 ވަނަ އަހަރު އެންގޭޖްވެ ހަމަ އެ އަހަރު ވަނީ ކައިވެނި ވެސް ކޮށްފައެވެ. މި ޖޯޑަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލު ޖޯޑެކެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ، ޔޫވިކާ އޭނާގެ ޔޫޓިއުބް ޗެނަލުގައި ވާހަކަދައްކަމުން ބުނެފައިވާ ގޮތުގައި، އެ ދެމީހުންނަށް ކުއްޖަކު ލިބިފައިވަނީ އައިވީއެފް ފަރުވާ ހޯދައިގެންނެވެ.
މި އުފާވެރި ޚަބަރާއެކު، ޕްރިންސް އާއި ޔޫވިކާގެ ގިނަ ފޭނުން ވަނީ އެ ދެމީހުންނަށް ހެޔޮ އެދުންތައް ފޮނުވާފައެވެ.









