ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަޝްހޫރު ވިޔަފާރިވެރިން ކަމަށްވާ ޗަމްޕާ މުޙައްމަދު މޫސާ އާއި ޗަމްޕާ ހުސެއިން އަފީފަށް ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) އިން "ފޭސް އޮފް ސައުތު އޭޝިއާ" އެވޯޑް އަރުވައިފިއެވެ.
މީރު އައިލެންޑް ރިސޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ޗަމްޕާ ބްރަދާރސްގެ ޗެއާރމަން މުހައްމަދު މޫސާ އާއި ކްރައުން ކޮމްޕެނީގެ ޗެއާރމަން ހުސައިން އަފީފްއަށް މި އެވޯޑް ހަވާލުކޮށްދެއްވީ ސާޓާގެ ނައިބު ރައީސް ސޫރަޖް ޚާންއެވެ. މި އެވޯޑު މި ދެ ބޭފުޅުންނަށް ލިބިވަޑައިގެންފައިވަނީ ޤައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކޮށްދެއްވާފައިވާ މުހިންމު ޚިދުމަތްތައް ފާހަގަކޮށެވެ.
މި އެވޯޑަކީ މި ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އެވޯޑު އަރުވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ހޯދާ ކާމިޔާބީތަކާއި ކޮށްދޭ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
ޗަމްޕާ ދެބެއިންގެ އިތުރުން މިދިޔަ މަހު ނޭޕަލްގެ ކަތަމަންޑޫގައި ބޭއްވި ސަޓާ އެވޯޑްސް 2024ގައި އިތުރު ތިން ބޭފުޅަކަށް ވެސް މި އެވޯޑު ވަނީ އަރުވާފައެވެ. އެއީ ނޭޕާލްގެ ދެ ބޭފުޅަކާއި ބަންގްލަދޭޝްގެ ބޭފުޅަކަށެވެ.
ސަޓާ އެވޯޑަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާއިންދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މިއީ ސާޓާ އެވޯޑް ބޭއްވި 8 ވަނަ އަހަރެވެ. މި އަހަރުގެ ސަޓާ އެވޯޑްސްގެ ގާލާ ނައިޓް ބާއްވާފައިވަނީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައެވެ.
މި އަހަރުވެސް ރާއްޖެއަށް ޝަރަފުވެރި އެތައް އެވޯޑެއް ވަނީ ލިބިފައެވެ. އެގޮތުން އެކި އެކި ދާއިރާތަކުން 16 ގޯލްޑް އެވޯޑާއި 14 ސިލްވަރ އެވޯޑް، ރާއްޖެއިން ވަނީ ހާސިލްކޮށްފައެވެ.
ސާޓާގެ ނައިބު ރައީސް ސޫރަޖް ޚާން ވިދާޅުވެފައިވަނީ 1970 ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގައި ފަތުރުވެރިކަން ފެށުނު ފަހުން ސިނާއަތައް އިންގިލާބީ ބޮޑުބަދަލެއް އައިސްފައިވާ ކަމަށެވެ. އަދި މި ބަދަލުގެ ފަހަތުގައި މުޙައްމަދު މޫސާއާއި ހުސައިން އަފީފްގެ މުހިންމު ދައުރެއްވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވެފައިވަނީ ރާއްޖޭގައި ފަތުރުވެރިކަން ފަށައިގަތުމުގެ ފަހަތުގައިވާ އެންމެ މުހިންމު ބޭފުޅުންނަކީ ޗަމްޕާ ދެބެއިން ކަމަށެވެ. އަދި މިއަދު ފަތުރުވެރިކަމުގެ ދާއިރާއިން ލިބެމުންދާ ކުރިއެރުންތަކާއި ފައިދާއަކީ އެ ބޭފުޅުންގެ އަގުހުރި މަސައްކަތުން ދެމެހެއްޓެނިވި ގޮތެއްގައި ލިބެމުންދާ މަންފާތައްކަން ޝިއުރީ ފާހަގަކުރެއްވިއެވެ.
"މިކަހަލަ އަގުވަޒަން ކުރުމުގެ އެވޯޑްތައް ދިނުމަކީ އަސްލު ވަރަށް މުހިންމު ކަމެއް. މިފަދަ ގޮތަކަށް އެފަދަ ބޭފުޅުންގެ އަގުވަޒަންކުރުމަކީ ނުހަނު މުހިންމު ކަމެއްކަމަށް ޤަބޫލުކުރެވޭ." ޝިއުރީ ވިދާޅުވިއެވެ.
ޗަމްޕާ ދެބެއިންނަށް މި އެވޯޑު ލިބިވަޑައިގަތުމާ ގުޅިގެން އެ ދެބޭފުޅުން ވަނީ އުފާ ފާޅުކުރައްވާފައެވެ. އެވޯޑާ ހަވާލުވުމަށްފަހު ވާހަކަދައްކަވަމުން އެ ދެބޭފުޅުން ވިދާޅުވެފައިވަނީ މިފަދަ އެވޯޑެއް ލިބިވަޑައިގަތުމުން އުފާކުރައްވާ ކަމަށާއި، އެ އެވޯޑް ދެއްވީތީ ޝުކުރު އަދާކުރައްވާ ކަމަށެވެ.
މި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ގިނަ ބޭފުޅުން ވަނީ ޗަމްޕާ ދެބެއިންގެ ޚިދުމަތްތަކަށް ތައުރީފުކުރައްވާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ މިހާ ކުރިއަރާފައިވަނީ އެ ދެބޭފުޅުންފަދަ ޚިދުމަތްތެރިންގެ މަސައްކަތުން ކަމަށް ފާހަގަކުރެއްވިއެވެ.
މި އެވޯޑު ލިބިވަޑައިގަތުމަކީ ޗަމްޕާ ދެބެއިންނަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެ ދެބޭފުޅުން ވިދާޅުވިއެވެ.









