ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ މަލައިކާ އަރޯރާ ވަނީ ރާއްޖެއަކީ އެންމެ ހިތްގައިމު ތަން ކަމަށް ބުނެފައެވެ. މި ވާހަކަ މަލައިކާ ދައްކާފައިވަނީ ރާއްޖެއަށް ކުރި ފަހުގެ ދަތުރެއްގައި ދީފައިވާ އިންޓަވިއުއެއްގައެވެ.
މަލައިކާ މި ފަހުން ރާއްޖެ އައީ ގްލޯބަލް ސްޕާ އިންޑިއާގެ ކަވަރ ފޮޓޯ ޝޫޓަކަށެވެ. މި ދަތުރުގައި މަލައިކާ މަޑުކޮށްފައިވަނީ ހެރިޓަންސް އާރަށުގައެވެ. އިންޓަވިއުގައި އޭނާ ބުނެފައިވަނީ އޭނާގެ ހިތް ރާއްޖެއަށް ދެވިފައިވާ ކަމަށާއި، އޭނާ މަޑުކޮށްގެން ހުރި ރިސޯޓަކީ ވަރަށް ހިތްގައިމު ރިސޯޓެއް ކަމަށެވެ.
"މި ރިސޯޓުގެ ހުރިހާ ސްޓާފުންނަކީވެސް ވަރަށް ހިތްހެޔޮ ބައެއް. އަބަދުވެސް ޚިދުމަތުގައި ތިބޭ. މަދުވާ އެއްވެސް ކަމެއް މި ރިސޯޓުގައި ނެތް. މިއީ އެންމެ ހިތްގައިމު ތަން،" މަލައިކާ ބުންޏެވެ.
އުމުރުން 50 އަހަރުގެ މަލައިކާއަކީ އިންޑިއާގެ ފިލްމީ ތަރިއެއްގެ އިތުރުން މޮޑެލްއެކެވެ. އަދި ޓީވީ ޕާސަނަލިޓީއެއްގެ އިތުރުން ނެށުންތެރިއެކެވެ. އޭނާ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައި ވެއެވެ. އޭނާ ރާއްޖެ އައި ދަތުރުތަކުގައި ލޯބިވެރިޔާ އަރްޖުން ކަޕޫރްވެސް ބައިވެރިވެފައި ވެއެވެ.
އިންޑިއާގެ ފިލްމީ ތަރިންގެ މެދުގައި ރާއްޖެއަކީ ވަރަށް މަޝްހޫރު މަންޒިލެއްކަން ފާހަގަކޮށްލެވެއެވެ. މަލައިކާގެ މި ބަސްތަކުން އެނގިގެންދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކަމާއި، ބޭރުގެ މަޝްހޫރު ފަރާތްތަކުގެ މެދުގައިވެސް ރާއްޖެއަކީ މަޤްބޫލު މަންޒިލެއްކަމެވެ.









