ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އަތޮޅުތަކުގެ 10 ސެންޓަރަކަށް ލައިސަންސް ދޫކުރުމުގެ ހުއްދަ ދީފިއެވެ.
މި ނިންމުމަކީ އަތޮޅުތަކުގެ ރައްޔިތުންނަށް ލައިސަންސް ހޯދުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި ނިންމާފައިވާ ނިންމުމެއްކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެ ވުޒާރާއިން މަޢުލޫމާތު ދިންގޮތުގައި، ލައިސަންސް ދޫކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ސެންޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ޚާއްޞަ ތަމްރީން ޕްރޮގްރާމްތަކެއް ވަނީ ބާއްވާފައެވެ. އަދި މިހާރު ލައިސަންސް ދޫކުރަމުންދާ ސެންޓަރުތައް މޮނިޓަރކުރުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށް ވުޒާރާއިން ބުންޏެވެ.
އެ ވުޒާރާއިން ބުނީ، އަލަށް ހުއްދަ ދިން ސެންޓަރުތަކާއެކު ޖުމުލަ 39 ސެންޓަރަކަށް ލައިސަންސް ދޫކުރުމުގެ ހުއްދަ ދޫކޮށްފައިވާ ކަމަށެވެ. އަލަށް ހުއްދަ ދޫކުރެވުނު ސެންޓަރުތަކުގެ ތެރޭގައި ހއ. މޮޅަދޫ، ހއ. އިހަވަންދޫ، ހއ. ކެލާ، ބ. ކެންދޫ، ވ. އަތޮޅު، ރ. ހުޅުދުއްފާރު، ތ. ވިލުފުށި، ފ. ދަރަނބޫދޫ، މ. ދިއްގަރު އަދި ގދ. ގައްދޫ ކައުންސިލްތައް ހިމެނެއެވެ.
މި އައު ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ލައިސަންސް ދޫކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ލުއިފަސޭހަވާނެކަމަށް އެ ވުޒާރާއިން ބުންޏެވެ. އަދި މިއީ ރާއްޖޭގެ މަގުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށާއި، ލައިސަންސް ދޫކުރުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރިއެވެ.









