ރޯޑް ރެކްރިއޭޝަން ކުލަބް (އާރްއާރްސީ) ބަލިކޮށް ވެމްކޯއިން ކްލަބް މޯލްޑިވްސް ކަޕްގެ ތަށި ދިފާޢު ކޮށްފިއެވެ.
ހުކުރު ދުވަހުގެރޭ ރެހެންދި ދަނޑުގައި ކުޅުނު ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލް މެޗުގައި ވެމްކޯއިން ތަށި ނެގީ 4-1 ގެ ނަތީޖާއިން އާރްއާރްސީ ބަލިކޮށްގެންނެވެ.
މިދިޔަ އަހަރުގެ ވެސް ޗެމްޕިއަން ޓީމުން އާރްއާރްސީ ބަލިކުރިއިރު އަލީ ޝިޔާހު ވަނީ ހެޓްރިކެއް ހަދައިފައެވެ. އަނެއް ގޯލު ޖެހީ އަލީ ރިޒާއެވެ. އާރްއާރްސީގެ ހަމައެކަނި ގޯލު ޖަހައިދިނީ އެ ކުލަބުގެ ޢަބްދުﷲ މިދުހަތު ފަހުމީއެވެ.
ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ޖޯޒީ ނަންބަރ 6 އަލީ ރިޒާއެވެ.
ވެމްކޯއިން ޖެހިޖެހިގެން 2ވަނަ ފަހަރަށް ކުލަބު މޯލްޑިވްސްގެ ތަށި ހޯދިއިރު މިފަހަރުގެ މުބާރާތުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުން ފިޔަވައި ހުރިހާ މެޗަކުން ވަނީ މޮޅުވެފައެވެ.









