ޑޮލަރު ވިއްކާ ކަމަށް ބުނެ ވަގު ސްލިޕެއް ފޮނުވައިގެން 28،000 ރުފިޔާ ހޯދި މީހަކު ހައްޔަރުކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 208 ދުވަސް ކުރިން - 18 އޮކްޓޯބަރު 2024 14:25
ޝަހީދު ހުސައިން އާދަމް ބިލްޑިންގ / ފޮޓޯ: ޚުލާސާ
ޝަހީދު ހުސައިން އާދަމް ބިލްޑިންގ / ފޮޓޯ: ޚުލާސާ
ޚުލާސާ

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ މީހެއް ކަމަށް ފުލުހުން ބުނެފައިވޭ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ޢަމުރުކޮށްފައި.

ޑޮލަރު ވިއްކާ ކަމަށް ބުނެ ސައްޙަ ނޫން ސްލިޕެއް ފޮނުވައިގެން 28,000 ރުފިޔާއަށް ވުރެ ގިނަ ފައިސާ މަކަރާއި ހީލަތުން ހޯދި މައްސަލައެއްގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ. ކްރިމިނަލް ކޯޓުން ނެރުނު ބަންދު ޢަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ފަރާތުން ވަނީ ޑޮލަރު ވިއްކާ ކަމަށް ބުނެ ސައްޙަ ނޫން ސްލިޕެއް ފޮނުވައިގެން 28,000 ރުފިޔާއަށްވުރެ ގިނަ ފައިސާ މަކަރާއި ހީލަތުން ހޯދާފައެވެ. ނަމަވެސް، މީގެ ތެރެއިން ބައެއް ފައިސާ އޭނާ ވަނީ އަނބުރާ ރައްދުކޮށްފައެވެ.

ގެއްލުން ލިބުނު ފަރާތުގެ ބަޔާނުގައިވާ ގޮތުން، ޝައްކުކުރެވޭ ފަރާތުގެ އަނބިމީހާއާއި އާއިލާއާ ވާހަކަދެކެވި، ފައިސާ އަނބުރާ ދޭނެ ކަމަށް އެއްބަސްވެފައިވާ ކަމަށް ބަންދު ޢަމުރުގައި ފާހަގަކޮށްފައިވެއެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ޝައްކުކުރެވޭ ފަރާތް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ޢަމުރުކޮށްފައެވެ.

ފުލުހުންގެ ތަޙްޤީޤުތަކުން ދައްކާގޮތުގައި، މިފަދަ މައްސަލަތަކުގައި ޢާންމުކޮށް ބޭނުންކުރަނީ ވަކި ޚާއްޞަ އެޕްލިކޭޝަނެއް މެދުވެރިކޮށް އުފައްދާ ސައްޙަ ނޫން ޓްރާންސްފަރ ސްލިޕްތަކެކެވެ. ޚާއްޞަކޮށް ރެސްޓޯރަންޓުތަކާއި ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު އަގު ދެއްކުމުގެ ގޮތުން މިފަދަ ސްލިޕްތައް ފޮނުވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެކައުންޓަށް ފައިސާ ޖަމާވިކަން ޔަޤީންކުރުމަށް ފަހު ނޫނީ ފައިސާގެ އެއްވެސް މުޢާމަލާތެއް ނުހިންގުމަށް ފުލުހުން ވަނީ ޢާންމުންނަށް އިލްތިމާސްކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%