ޑްރަގް ޓްރެފިކިންގ ނެޓްވޯކެއްގައި ހަރަކާތްތެރިވި 4 މީހަކު އުމުރަށް ޖަލަށްލައި ޖުމްލަ 4 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
އުމުރަށް ޖަލަށް ލުމަށް އިއްޔެ ކްރިމިނަލް ކޯޓުން ހުކުމްކުރި މި މައްސަލައިގައި ހިމެނެނީ ގދ. ތިނަދޫ ރަންގަލް، ހަސަން ލޫތު، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45، ހަސަން ރަޝީދު، ތިމަރަފުށީ، ވައިޓްރޯސް، އިސްމާއީލް ޝަރީފް އަދި މއ. ހަސްލަތު، ޝާނިޔާ އިބްރާހިމްއެވެ. މި 4 މީހުން ހައްޔަރުކުރެވުނީ 2021 ވަނަ އަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހު ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
ކޯޓުން ނިންމި ގޮތުގައި، މި 4 މީހުންނަށް ވެސް 25 އަހަރުގެ ޖަލު ޙުކުމް ކަނޑައެޅިފައިވެއެވެ. އަދި ޖޫރިމަނާގެ ގޮތުގައި، ހަސަން ލޫތު 2 މިލިއަން ރުފިޔާ، ހަސަން ރަޝީދު 1 މިލިއަން ރުފިޔާ، އަދި އިސްމާއީލް ޝަރީފާއި ޝާނިޔާ އިބްރާހިމް ކޮންމެ މީހަކު 500,000 ރުފިޔާ ދައްކަންޖެހޭނެއެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ފުލުހުން 2021 ވަނަ އަހަރު ޖެނުއަރީ 12 ވަނަ ދުވަހު މާލޭގެ 4 ތަނެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ނަގުދު ފައިސާ އަތުލިއެވެ. އޭގެ ތެރޭގައި ހަސަން ލޫތުގެ ގެއިން 1,466,000 ރުފިޔާ އަދި އިސްމާއިލް ޝަރީފާއި ޝާނިޔާ އިބްރާހިމް ހައްޔަރުކުރެވުނު ގެސްޓްހައުސްއިން 76,675 ރުފިޔާ ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން ހަސަން ލޫތުގެ އަނބިކަނބަލުން ރާމިޒާ އަލީގެ މައްޗަށް މަނީ ލޯންޑަރިންގގެ ދަޢުވާ ކުރެވުނު ނަމަވެސް، އެ މައްސަލަ ވަނީ ކޯޓުން ބޭރުކޮށްލާފައެވެ.









