ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެ އިދާރާގެ މުހިންމު މަގާމުތަކަކަށް މީހުން ހޯދުމަށް އިޢުލާން ކޮށްފިއެވެ. މި އިޢުލާނުގައި ހިމެނެނީ ފުލްޓައިމް ފައިނޭންޝަލް ކޮންޓްރޯލަރަކާއި ފައިނޭންސް އޮފިސަރެއްގެ އިތުރުން ލީގަލް ކައުންސެލްގެ މަގާމުތަކެވެ.
އެފްއޭއެމްގެ އިޢުލާނުގައިވާ ގޮތުން ފައިނޭންޝަލް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ އެފްއޭއެމްގެ މާލީ މުޢާމަލާތްތައް ބެލެހެއްޓުމާއި، މާލީ ލަފާ ދިނުމާއި، އާމްދަނީއާއި ދަރަނީގެ ތަފްސީލު ބެލެހެއްޓުމާއި އަދި އެސެޓް މެނޭޖްކުރުމެވެ. އަދި ލީގަލް ކައުންސެލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ގާނޫނީ ލަފާ ދިނުމާއި، އެފްއޭއެމްގެ ގަވާއިދުތަކާއި އުސޫލުތައް ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ގާނޫނީ ހަމަތަކާ އެއްގޮތްތޯ ބެލުމެވެ.
މި މަގާމުތަކަށް މުސާރަ ކަނޑައަޅާނީ ދެ ފަރާތުން އެއްބަސްވާ ގޮތުގެ މަތިންނެވެ. ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މިއީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި ހިންގި ހިޔާނާތުގެ މައްސަލަތަކާއި ގުޅިގެން ފީފާއިން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީއަކުން އެފްއޭއެމް ހިންގަމުންދާ ދަނޑިވަޅެއްގައި ކުރެވޭ އިޢުލާނުތަކެކެވެ. މީގެ ކުރިން އެފްއޭއެމްއިން ވަނީ ފުލްޓައިމް ޖެނެރަލް ސެކްރެޓަރީއެއް ހޯދުމަށްވެސް އިޢުލާން ކޮށްފައެވެ.









