ދުނިޔޭގެ އެންމެ މުއްސަނދި މީހާ އެލޮން މާސްކް، ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ ގްރޫޕަށް ތިން މަސް ދުވަހުގެ ތެރޭގައި 75 މިލިއަން ޑޮލަރު ހަދިޔާކޮށްފިއެވެ.
އެމެރިކާގެ ފެޑެރަލް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ތަފްސީލުތަކުން އެނގޭ ގޮތުގައި ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ބިލިއަނަރު އެލޮން މާސްކް ދިން ފައިސާއިން ޑޮނަލްޑް ޓްރަމްޕުގެ ޕޮލިޓިކަލް އެކްޝަން ކޮމިޓީ (ޕީއޭސީ) އިން ޖުލައި މަހާއި ސެޕްޓެމްބަރު މަހާއި ދެމެދު 72 މިލިއަން ޑޮލަރު ހަރަދުކޮށްފައި ވެއެވެ.
މި މުއްދަތުގައި އެ ގްރޫޕަށް ހަދިޔާ ކުރި ހަމައެކަނި މީހަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް އާއި ޓެސްލާގެ ވެރިޔާ އެލޮން މާސްކް އެވެ.
ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ބަރޯސާވެފައި ވަނީ އެލޮން މާސްކް އުފެއްދި ސުޕަ ޕީއޭސީ ފަދަ ޖަމާއަތްތަކަށެވެ.
އެލޮން މާސްކް ވިދާޅުވާ ގޮތުގައި މީގެ ކުރިން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓުންނަށް ވޯޓު ދެއްވި ނަމަވެސް މިފަހަރު އޭނާ ވަނީ ކަނާތުފިޔައިގެ ޕާޓީއާ އެއްކޮޅަށް ނިކުމެފަ އެވެ.
ޓެސްލާގެ ވެރިޔާ ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާކަން އިއުލާން ކުރީ މިދިޔަ ޖުލައި މަހުއެވެ. އޭނާ ވަނީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓާ އެކު މި މަހު ޕެންސިލްވޭނިއާގައި ބޭއްވި ޖަލްސާއެއްގައިވެސް ބައިވެރިވެފައެވެ.
މިދިޔަ ހަފްތާގައި މަސްދަރުތަކުން ބުނާ ގޮތުގައި އެލޮން މާސްކް ވެސް ޕެންސިލްވޭނިއާގައި ޑޮނަލްޑް ޓްރަމްޕަށް އިތުރު ކެމްޕޭންތައް ހިންގާނެކަން ވަނީ ހާމަވެފަ އެވެ. އެ ސްޓޭޓަކީ ރިޔާސީ ކެންޑިޑޭޓުން ކަމަށްވާ ޑޮނަލްޑް ޓްރަމްޕާއި ކަމަލާ ހެރިސް އަށް ވެސް މުހިންމު ސްޓޭޓެއް ކަމަށް ބެލެވެ އެވެ









