ބޮލީވުޑްގެ މަޝްހޫރު ތަރި ރާދިކާ އާޕްޓެ އޭނާގެ ފުރަތަމަ ދަރިފުޅު ލިބޭކަން ހާމަކޮށްފިއެވެ. މި ޚަބަރު އޭނާ ހާމަކޮށްފައިވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ސިސްޓާ މިޑްނައިޓް" ގެ ޕްރިމިއަރގައި ބަނޑުބޮޑުވެފައިވާ މަންޒަރު ދައްކާލަމުންނެވެ.
ބީ އެފް އައި ލަންޑަން ފިލްމު ފެސްޓިވަލްގައި އިއްޔެ ބޭއްވުނު މި ޕްރިމިއަރގައި ރާދިކާ ފެނިގެން ދިޔައީ ކަޅު ކުލައިގެ މެކްސީ ހެދުމެއްގައެވެ. އޭނާގެ ބަނޑުބޮޑުވެފައިވާ މަންޒަރު ފެނުމާއެކު ގިނަ ފޭނުންތަކެއް ވަނީ އުފާވެރިކަމާއެކު މަރުހަބާ ކިޔާފައެވެ.
ރާދިކާ އޭނާގެ އޮފިޝަލް އިންސްޓަގުރާމް އެކައުންޓުގައި ޕްރިމިއަރގެ ފޮޓޯތަކެއް ހިއްސާކޮށްފައިވެއެވެ. މީގެ ތެރޭގައި އޭނާ އެކަނި ނަގާފައިވާ ފޮޓޯތަކާއި ފިލްމުގެ އެހެން ކްރޫ މެންބަރުންނާއެކު ނަގާފައިވާ ފޮޓޯތައް ހިމެނެއެވެ. .
ރާދިކާ އާއި ބްރިޓިޝް ވަޔޮލިނިސްޓް އަދި ކޮމްޕޯސަރ ބެނެޑިކްޓް ޓެއިލަރ ކައިވެނިކޮށްގެން އުޅެނީ 2012 އިން ފެށިގެންނެވެ. މި ދެ މީހުންގެ ދިރިއުޅުން ބިނާވެފައިވަނީ ލަންޑަނާއި މުމްބާއީގައެވެ. އަދި ދެމީހުން ވެސް އަބަދުވެސް މަސައްކަތް ކުރަނީ އެމީހުންގެ އަމިއްލަ ދިރިއުޅުން ވީހާވެސް ޕްރައިވެޓްކޮށް ބޭއްވުމަށެވެ.
ބައެއް ފަރާތްތަކުން ބުނެފައިވަނީ ފިލްމުގެ ޕްރިމިއަރ އަށް އައި އިރު މިވަނީ އޭނާގެ "ބޭބީ ވެސް ޑެބިއު" ކޮށްފައި ކަމަށެވެ.









