ހިންދީ އަދި މަރާޓީ ފިލްމާއި ޑްރާމާތަކުގައި މަޖާ ރޯލުތައް ކުޅުނު އިންޑިއާގެ މަޝްހޫރު އެކްޓަރު އަތުލް ޕަރްޗުރޭ މަރުވެއްޖެއެވެ. އުމުރުން 57 އަހަރުގެ އަތުލް މަރުވި އިރު، އޭނާގެ އަންބަކާއި ކުއްޖަކު ދުނިޔޭގައި އެބަ ތިއްބެވެ.
އަތުލް މަރުވި ސަބަބެއް އޭނާގެ އާއިލާއިން އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން އޭނާ ދިޔައީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންނެވެ. އޭރު އަތުލް ބުނި ގޮތުގައި، އޭނާގެ ފުރަމޭއިން ވަނީ ފަސް ސެންޓިމީޓަރުގެ ޓިއުމަރެއް ފެނިފައެވެ. އަދި އޭނާގެ ޗިސްމޭއަށް ނުބައި ފަރުވާއެއް ދީގެން ވަރަށް ބޮޑަށް ހާލު ގޯސްވި ކަމަށް ވެސް އޭރު ބުނެފައިވެއެވެ.
އަތުލް ވަނީ ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންނާ އެކު ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ޝާހްރުކް ހާންއާ އެކު "ބިއްލޫ" އާއި ސަލްމާން ހާންއާ އެކު "ޕާޓްނަރު" އަދި އަޖޭ ދޭވްގަންއާ އެކު "އޯލް ދަ ބެސްޓް" ފިލްމު ހިމެނެއެވެ. މީގެ އިތުރުން، އިންޑިއާގެ އެންމެ މަޝްހޫރު ސްޓޭންޑް-އަޕް ކޮމެޑީ ޓޯކް ޝޯ "ދަ ކަޕިލް ޝަރްމާ ޝޯ" ގައި ވެސް އަތުލް ވަނީ ބައިވެރިވެފައެވެ.
އަތުލްގެ މަރުވުމާ ގުޅިގެން އިންޑިއާގެ ފިލްމީ ދާއިރާގެ ގިނަ ބަޔަކު ވަނީ ހިތާމަ ފާޅުކޮށްފައެވެ. އަތުލްގެ މަޖާ ހުނަރުވެރި އެކްޓިންގ އަކީ ގިނަ ބަޔަކު ހަނދާން ބަހައްޓާނެ ކަމެއް ކަން ފާހަގަކުރެވެއެވެ.









