ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަޤާމަށް މުޙައްމަދު ޝަރީފް އައްޔަންކޮށްފިއެވެ. މިއީ ބޭންކުގެ ތާރީޚުގައި ދިވެއްސަކު މި މަޤާމަށް އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ.
ބީއެމްއެލްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޝަރީފް މި މަޤާމާ ހަވާލުވެވަޑައިގަންނަވާނީ މާދަމާއިން ފެށިގެން ކަމަށެވެ. މިއީ ބޭންކަށާއި ދިވެހިރާއްޖޭގެ މާލީ ދާއިރާއަށް ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއްކަމަށް އެ ބޭންކުން ފާހަގަކޮށްފައި ވެއެވެ.
މުޙައްމަދު ޝަރީފަކީ މާލީ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި އެގްޒެކެޓިވް އަދި ބޯޑު ފެންވަރުގައި 7 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހިމެނެއެވެ. ބީއެމްއެލްގައި މަސައްކަތްކުރެއްވި މުއްދަތުގައި ޝަރީފްވަނީ ބޭންކުގެ ހިންގުން ޒަމާނީ ކުރުމަށާއި ބޭންކުން ހޯދާފައިވާ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
އެގޮތުން ޝަރީފްގެ އިސްނެންގެވުމުގެ ދަށުން، ބޭންކުގައި ކޯ-ބޭންކިންގ ސިސްޓަމްތައް ޤާއިމުކުރުމާއި، ޑެބިޓް އަދި ކްރެޑިޓް ކާޑު ތަޢާރަފްކުރުމާއި، އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ، ސެލްފް ސަރވިސް ބޭންކިންގެ އިތުރުން އީކޮމާސް ޕޭމަންޓް ގޭޓްވޭ ފަދަ ޑިޖިޓަލް ޚިދުމަތްތައް ތަޢާރަފްކުރެވުނެވެ.
ޝަރީފްވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް މެންޗެސްޓަރއިން އެމްބީއޭ ހާސިލްކުރައްވާފައެވެ. އަދި ލަންޑަން ބިޒްނަސް ސްކޫލުން ސީނިއަރ އެގްޒެކެޓިވް ޕްރޮގްރާމްވެސް ފުރިހަމަކުރައްވާފައިވެއެވެ. 2018 އިން 2020 އަށް އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ވައިސް ޗެއަރމަންގެ މަޤާމްވެސް އަދާކުރައްވާފަވެއެވެ.









