ހުޅަނގުން އަނެއްކާވެސް އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފިއެވެ.
އެގޮތުން، ޔޫރަޕިއަން ޔޫނިއަން އިން ހޯމަ ދުވަހު ވަނީ އީރާނުގެ އޮފިޝަލުންނާއި ރިވޮލިއުޝަނަރީ ގާޑްގެ އޮފިޝަލުންނާއި އީރާން އެއާލައިންސް ހިމެނޭ ގޮތަށް އެހެނިހެން ބައެއް ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ސަބަބަކީ ޔޫކްރޭނާ ދެކޮޅަށް ބޭނުން ކުރުމަށް މިސައިލްތަކާއި ޑްރޯންތައް ރަޝިޔާއަށް ބަދަލުކުރި ކަމަށް ތުހުމަތު ކުރެވިފައިވާތީ އެވެ.
ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ވަޒީރުން ވަނީ އީރާން އެއާލައިންސް އާއި ޑިފެންސް މިނިސްޓަރުގެ ނައިބު ސެއިދު ހަމްޒާ ޣަލަންދާރީ އާއި ރިވޮލިއުޝަނަރީ ގާޑްސްގެ ޤުދުސް ފޯސްގެ މަތީ އޮފިޝަލުން ހިމެނޭ ގޮތަށް ހަތް ފަރާތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފާސްކޮށްފަ އެވެ.
ޔޫރަޕިއަން ޔޫނިއަންގެ އިސް ގައުމުތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތާއި ފްރާންސް އަދި ޖަރުމަނުން ވެސް މިދިޔަ މަހު ވަނީ ރަޝިޔާއަށް މިސައިލް ބަދަލުކުރުމާ ގުޅިގެން އީރާނާ ދެކޮޅަށް މިފަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ.
ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވެން ޑަރ ލެޔެން ވަނީ ޔޫރަޕިއަން ބްލޮކްގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް މަރުހަބާ ވިދާޅުވެ، އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ސޯޝަލް މީޑިއާގެ އެކްސް އެކައުންޓުގައި އުރުސުލާ ވެން ޑަރލެން ލިޔުއްވާފައިވާ ގޮތުގައި ޔޫކްރޭނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ އުދުވާނީ ހަނގުރާމައިގައި އީރާނުގެ ސަރުކާރުން ދޭ ތާއީދަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ހުއްޓުވަން ޖެހެއެވެ.
އީރާން އެއާލައިންސްގެ އިތުރުން އީރާނުގެ އިތުރު ދެ އެއާލައިނެއް ކަމަށްވާ ސަހާ އެއާލައިންސް އާއި މަހާން އެއާ އަށް ވެސް ޔޫރަޕިއަން ޔޫނިއަންގެ މި ފިޔަވަޅުތަކުގެ އަސަރު ކޮށްފައިވެ އެވެ.
އީރާނުގެ ދެ ޕްރޮކިއުމަންޓް ކުންފުންޏަކަށް ބައިނަލްއަގުވާމީ ޕްރޮކިއުމަންޓް ނެޓްވޯކްތަކުގެ ތެރެއިން އީރާނުން އުފައްދާ ޔޫއޭވީތަކާއި އެއާ ގުޅުންހުރި ޓެކްނޮލޮޖީތައް ރަޝިޔާއަށް ގެންދިއުމާއި ސަޕްލައި ކުރުމުގެ ޒިންމާ އުފުލާފައިވެ އެވެ.
އަދި ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ރޮކެޓާއި މިސައިލް ފޮނުވާލުމަށް ބޭނުންކުރާ ސާމާނު އުފައްދާ ދެ ކުންފުންޏަކަށެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުވާ އޮފިޝަލުންނަށް އެފަރާތްތަކުގެ އެސެޓް ފްރީޒްކުރުމާއި އީޔޫއަށް ދަތުރުކުރުން މަނާކުރުމުގެ މައްސަލަތައް ކުރިމަތިވާނެ އެވެ.
މިދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ މާކުރިން ވެސް ޔޫކްރޭންގައި ބޭނުން ކުރުމަށް މިސައިލް ރަޝިޔާއަށް ބަދަލުކޮށްފައިވާ ކަމަށް ޔޫރަޕިއަން ޔޫނިއަން އިން ކުރާ ތުހުމަތުތައް އީރާނުން ދެކޮޅު ހަދާކަން ފާހަގަ ކުރެވެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލެންކެން ވިދާޅުވި ގޮތުގައި ދުވެލި އާދަޔާ ޚިލާފަށް ބާރު ފާތިހް-360 މިސައިލް ބޭނުންކުރުމުގެ ތަމްރީނު ރަޝިޔާގެ އަސްކަރީ ދިހަވަރަކަށް މުވައްޒަފުން އީރާނުގައި ހޯދާފައިވެއެވެ.









