ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްނެންގެވުމުގެ ދަށުން އުފެދުނު މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) މިއަދު ހާމަކޮށްފިއެވެ. މީގެ އިތުރުން، އެމްއާރްއެމްގެ އެއްވެސް ދަރަންޏެއް އޮތްނަމަ އެކަން ހުށަހެޅުމަށް އީސީން ވަނީ އާންމުކޮށް އިއުލާނުކޮށްފައެވެ.
އީސީގެ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އެމްއާރުއެމް އުވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި ގޮތުން، އެމްއާރްއެމްގެ އެއްވެސް ދަރަންޏެއް އޮތްނަމަ، އަންނަ މަހުގެ 10 ގެ ނިޔަލަށް އެ ޕާޓީގެ އޮފީހަށް ހުށަހަޅައިގެން ނިންމުމަށް އީސީން ވަނީ އަންގަވާފައެވެ.
އެމްއާރްއެމް އުވާލަން ނިންމާފައިވަނީ މިދިޔަ އޮގަސްޓު މަހުއެވެ. މިގޮތަށް ނިންމާފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނު ލާޒިމުކުރާ އަދަދު ކަމަށްވާ 3،000 މެމްބަރުން އެ ޕާޓީއަށް ހަމަކުރެވިފައި ނުވާތީއެވެ.
ކުރިން ވެސް އީސީން އެމްއާރްއެމް އުވާލަން ނިންމި ނަމަވެސް، އެ ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެމްއާރްއެމްއިން ސިވިލް ކޯޓުގައި މައްސަލަ ޖެއްސިއިރު، ކޯޓުން ނިންމާފައިވަނީ އެމްއާރްއެމްއާ އެއްކޮޅަށެވެ.
މައުމޫން އަބްދުލްގައްޔޫމްގެ ސިޔާސީ މަސައްކަތްތަކަށް ބަލާއިރު، އެންމެ ފުރަތަމަ އުފެއްދެވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އެވެ. އޭގެ ފަހުން، ޕީޕީއެމް އުފެއްދެވި އިރު، އެންމެ ފަހުން އުފެއްދެވީ އެމްއާރުއެމްއެވެ. ނަމަވެސް، އެމްއާރްއެމްއަށް ސިޔާސީ މައިދާނުގައި ފާހަގަކުރެވޭފަދަ ކުރިއެރުންތަކެއް ހޯދިފައެއް ނުވެއެވެ.









