ދައުލަތަށް ޢާމްދަނީ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ޖީބަށް ބުރަނުވާ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރަމުން ޝުޖާއު ވިދާޅުވީ، މި ސަރުކާރަށް ވާރުތަވީ "ހުސް ތޮށިގަނޑެއް" ކަމަށާއި، އެމްޑީޕީ ސަރުކާރުން ޚަރަދު ބޮޑުކޮށް ހިންގަމުން ގެންދިޔަ ކަމަށެވެ.
"މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ އިޞްލާޙު އައިރު އޮތީ ރައްޔިތުންނަށް އެއްވެސް ކަހަލަ ބުރައެއް ނުޖައްސާ އާމްދަނީ އިތުރުކުރެވޭނެ ނިޒާމަކަށް މި ޤާނޫނު ފަރުމާކުރެވިފައި. ޓޫރިޒަމްގެ ދާއިރާއިން ނެގޭ ޓެކްސްތައް އެންމެ 5 ޕަސެންޓެއް އިތުރުކޮށްގެން އާމްދަނީ އިތުރުކުރަމުން އިތުރުކުރަމުން ގޮސް މުޅި އިޤްތިޞާދު ހަމައަކަށް އެޅުވުމުގެ ވިސްނުންފުޅު ރައީސް ގެންގުޅުއްވާކަން މި އިޞްލާޙުން ހާމަވެގެންދޭ،" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ކުރީގެ ސަރުކާރުން ލިބުނު އާމްދަނީ ބޭކާރު ގޮތުގައި ޚަރަދުކުރި ކަމަށެވެ. އޭގެ ތެރޭގައި ކުންފުނިތަކުގައި ކޮންމެހެން އުފައްދަން ނުޖެހޭ ވަޒީފާތައް އުފެއްދުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
މި ސަރުކާރުގެ ވިސްނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ނުހެދި ހުރި ރިސޯޓުތައް ވެސް ހެދޭނެ ގޮތަށް އާމްދަނީ އިތުރުކުރުން ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށާއި ބޮޑުހިލަ ޖެހުމަށް ވެސް ފައިސާ ބޭނުންވާ ކަމަށް ފާހަގަކުރެއްވިއެވެ.
"ބޮޑުހިލަ ނުޖެހިގެން އުޅެނީ ދައުލަތުގައި އާމްދަނީއެއް ނެތުމުން. ދައުލަތަށް ފައިސާ އިތުރުކުރަން ރައީސް ވިސްނުންފުޅު ގެންގުޅުއްވަނީ ރައްޔިތުންގެ ޖީބަށް ބާރުބޮޑުނުކޮށް. ޖީއެސްޓީ އިތުރުނުކޮށް ޓީޖީއެސްޓީއަށް އެންމެ 5 ޕަސެންޓެއް އިތުރުކޮށްގެން،" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، މި އިޞްލާޙުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް އިންވެސްޓްކުރުމަކީ މި ވަގުތު ކުރަންޖެހޭ ކަމެއްކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ހަމައެކަނި ރިސޯޓުތައް ހެދުމަށް މާކެޓަށް ހުޅުވާލުމަކުން ފައިސާ ލިބޭނެ ގޮތްތަކެއް ހޯދިފައި ނެތްކަމަށް ވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މި ބިލަށް ބަހުސްކުރެވެމުންދާއިރު، ސަރުކާރުން ހުށަހަޅާފައިވަނީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އިތުރުކުރުމަށެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކުހުގެ މިންވަރު 4 ޕަސެންޓް އިތުރުކުރުމަށް ހުށަހަޅާފައިވާ އިޞްލާޙެކެވެ.






