ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުން، 228 ސިޔާސީ މަޤާމު އުވާލުމަށް ރައީސް މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ސީދާ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ސަރުކާރުގެ އެކި ވުޒާރާތަކުން 228 ސިޔާސީ މަޤާމު އުވާލުމަށް އަންގަވާފައިވާ ކަމަށެވެ.
މި 228 މަޤާމުގެ ތެރޭގައި ހިމެނެނީ:—
- 7 ސްޓޭޓް މިނިސްޓަރުން
- 43 ޑެޕިއުޓީ މިނިސްޓަރުން
- 109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން
- އިތުރު 69 ސިޔާސީ މަޤާމު
ރައީސް ވިދާޅުވެފައިވަނީ، މި ބަދަލުގެ ސަބަބުން ސަރުކާރުގެ ބަޖެޓުން މަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށެވެ.
މީގެ އިތުރުން، ޚަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމުގެ ސިޔާސަތެއް އަދި މެދު ރާސްތާގެ އާމްދަނީ އިތުރުކުރުމުގެ ސްޓްރެޓެޖީއެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސް ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި މާލީ ޙާލަތުން އަރައިގަތުމަށް ރައީސްގެ އިސްނެންގެވުމުގެ މަތިން ދައުލަތުގެ ޚަރަދުތައް ހަމަ މަގަށް އެޅުވުމަށް ގިނަގުނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. މީގެ ތެރޭގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އަޅުއްވާފައިވާ ފިޔަވަޅުތަކާއި، ސަރުކާރުގެ ކުންފުނިތަކުން އަޅުއްވަމުންދާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ހިމެނެއެވެ.









