ސިނަމާލެ ބްރިޖާ ގުޅޭ ހައިވޭގައި ކުޑަކުއްޖެއްގެ އަތަށް ހުންގާނު ދީގެން ސައިކަލު ދުއްވި މައްސަލައިގައި ފިޔަވަޅު އެޅުމަށް ފުލުހުންގެ ފަރާތުން ޓްރާންސްޕޯޓް މިނިސްޓްރީއަށް މިއަދު ފޮނުވައިފިއެވެ.
ފުލުހުން ބުނީ ޓްރެފިކް ޤާނޫނާ ޚިލާފުވެފައިވާތީ އެ މައްސަލައިގައި ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް މިއަދު ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް އަޅަނީ ކޮން ފިޔަވަޅެއް ކަމެއް އަދި ނޭނގެއެވެ.
މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ ކުޑަ ފިރިހެން ކުއްޖެއްގެ އަތަށް ބޮޑު މީހަކު، ސައިކަލުގެ ހުންގާނު ދީގެން ހައިވޭގައި ދުއްވާ މަންޒަރު ފެންނަ ވީީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމުންނެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ޕްރީސްކޫލް ޔުނީފޯމެއްގައި އިން ކުޑަކުއްޖަކު ހުންގާނުގައި ހިފަހައްޓައިގެން އިން އިރު، ފިރިހެން މީހާ އިނީ ހުންގާނުން އެއް އަތް ދޫކޮށްލައިގެން، ސައިކަލުގެ ކޮންޓްރޯލް ކުޑަކުއްޖާއަށް ދީގެންނެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން އެމީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށާއި، އޭނާ ގަސްތުގައި ކުޑަ ކުއްޖަކު ނުރައްކަލަށް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުޤީޤުކުރަމުން އަންނަ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަޤީންކަން ފުލުހުން ވަނީ ދީފައެވެ.









