ގެދޮރުވެރިޔާ ސްކީމުން ފްލެޓްތަކަށް ފޯމު ލުމުގެ ފުރުޞަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަލުން ހުޅުވާލާފައިވާކަމަށް ބުނެ ފޭކު މެސެޖުތަކެއް ފޮނުވަން ފަށައިފިއެވެ.
އާންމުންގެ ސަމާލުކަމަށް މިކަން ގެނެސް ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލި ކަމަށާއި، އެކަމަށް އެދި ހުށަހަޅާ ފޯމު ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބުނެ ލިންކެއް ހިމެނޭ ގޮތަށް ދައުރުކުރަމުން އަންނަނީ ޞައްޙަ މެސެޖެއް ނޫން ކަމަށެވެ.
އެޗްޑީސީގެ ނަމުގައި ފޮނުވަމުން އަންނަ މިފަދަ މެސެޖުތަކަކީ ފޭކު މެސެޖުތަކެއް ކަމަށާއި މިފަދަ ލިންކުތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އެދެން އަލުން ހުޅުވާލުމަށް އަދި ނިންމާފައެއް ނުވެއެވެ. ހައުސިންގ މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ އެ ސްކީމުން ފްލެޓް ލިބުނު މީހުންގެ ލިސްޓު މި މަސް ނިމުމުގެ ކުރިން ޢިއުލާނުކުރާނެ ކަމަށެވެ.
ގެދޮރުވެރިކަމުގެ ނަމުގައި މީގެ ކުރިންވެސް ސްކޭމް ކޮށްގެން އެކި މީހުންގެ އަތުން ގިނަ ޢަދަދެއްގެ ފައިސާ ވަނީ ވަގަށް ނަގާފައެވެ. މިފަދަ ކަންކަމަށް ސަމާލުވުމަށާއި، ޒާތީ މަޢުލޫމާތާއި އޯޓީޕީ ފަދަ މަޢުލޫމާތު ޙިއްސާނުކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.









