ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޝްރައްދާ ކަޕޫރް މީހަކާ ރައްޓެހިވެގެން އުޅޭކަން އޭނާ ޔަޤީންކޮށްދީފިއެވެ.
ސެލެބްރިޓީންގެ ޚަބަރުތައް ގެނެސްދޭ "ކޮސްމޮޕޮލިޓަން" މަޖައްލާއަށް އިއްޔެ ދިން އިންޓަވިއުއެއްގައި ޝްރައްދާ ވަނީ އޭނާ މީހަކާ ރައްޓެހިވެގެން އުޅޭކަން ހާމަކޮށްފައެވެ. އޭނާ ބުނީ އޭނާގެ ޕާޓްނަރާ އެކު ވަގުތު ހޭދަކުރަން ވަރަށް ލޯބިކުރާ ކަމަށެވެ. އެހެންނަމަވެސް ރައްޓެހިވެގެން އުޅެނީ ކާކާކަމެއް ހާމަކޮށްފަ ނުވެއެވެ.
"އަހަރެން ވަރަށް ލޯބިވޭ އަހަރެންގެ ޕާޓްނަރާ އެކު ވަގުތު ހޭދަކުރަން، އަދި އޭނާއާ އެކު ކަންތައްތައް ކުރަން. މިސާލަކަށް ފިލްމެއް ބެލުން، ނުވަތަ ޑިނާއަކަށް ދިއުން، ނުވަތަ ދަތުރުކުރުން ކަހަލަ ކަންކަން." ޝްރައްދާ ބުންޏެވެ.
ޝްރައްދާއަކީ އާންމުކޮށް އޭނާގެ އަމިއްލަ ދިރިއުޅުމާ ބެހޭ ގޮތުން މާ ގިނައިން މީޑިއާގައި ވާހަކަދައްކާ ފަންނާނެއް ނޫނެވެ. ނަމަވެސް، މީގެ ދުވަސްކޮޅެއް ކުރިން ވަނީ ފިލްމު ލިޔުންތެރިޔާ ރާހުލް މޯދީއާ އޭނާ ރައްޓެހިވެގެން އުޅޭ ކަމަށް ބުނާ އަޑުތަކެއް ފެތުރިފައެވެ. ރާހުލްއަކީ ޝްރައްދާ މިދިޔަ އަހަރު ކުޅުނު ފިލްމު "ތޫ ޖޫޓީ މޭ މައްކާރު"ގެ ވެސް ލިޔުންތެރިއެވެ.
ޝްރައްދާ މިހާރު އަންނަނީ އޭނާގެ އެންމެފަހުގެ ފިލްމު "ސްތުރީ 2"ގެ ބޮޑު ކާމިޔާބީ ފާހަގަކުރަމުންނެވެ. އެ ފިލްމަކީ ބޮލީވުޑްގެ މި އަހަރުގެ އެންމެ ކާމިޔާބު ފިލްމު ވެސް މެއެވެ.
މީގެ ކުރިން ޝްރައްދާ އާއި އޭނާ މަޝްހޫރުވި ފިލްމު "އާޝިގީ 2"ގައި އޭނާއާ އެކު ލީޑު ރޯލު ކުޅުނު އެކްޓަރު އަދިތުޔަ ރޯއީ ކަޕޫރްއާ ރައްޓެހިވެގެން އުޅޭ ކަމަށް ބުނާ އަޑުތަކެއް ވެސް ފެތުރުނެވެ. އެކަމަކު، އެ ދެމީހުން ވެސް އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.









