މަޝްހޫރު ބޮލީވުޑް ތަރިން ކަމަށްވާ ކާޖަލް އަގަރްވާލް އާއި ކްރިތީ ސަނޮން މަސައްކަތްކޮށްފައިވާ އައު ފިލްމު "ދޯ ޕަޓީ" ގެ ޓްރެއިލަރ ނެރެފިއެވެ.
މި ޓްރެއިލަރގައި ފެނިގެންދަނީ ބެލުންތެރިންގެ ޝައުގުވެރިކަން އިތުރުކުރުވާފަދަ މަންޒަރުތަކެކެވެ.
މި ފިލްމަކީ މިސްޓްރީ ތްރިލާ ގޮތުގައި އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގައި ކްރިތީ ސަނޮން ވަނީ ޑަބަލް ރޯލެއް އަދާކޮށްފައެވެ. އޭނާގެ އެއް ކެރެކްޓަރަކީ ނުބައި ޓްވިންއެކެވެ. ކާޖަލް އަގަރްވާލް މި ފިލްމުގައި އަދާކުރަނީ ފުލުހެއްގެ ދައުރެވެ. ޓްރެއިލަރގައި ކާޖަލް، ކްރިތީގެ ނުބައި ޓްވިންއާ ގުޅިގެން މަސައްކަތްކުރާ މަންޒަރުތައްވެސް ފެނިގެންދެއެވެ.
މި ފިލްމުގައި ކާޖަލް އާއި ކްރިތީގެ އިތުރުން ހިންދީ ޑްރާމާތަކުން މަޝްހޫރުވެފައިވާ ޝަހީރު ޝެއިޚް، ބްރިޖެންދަރު ކާލާ އަދި ތާންވީ އަޒްމީވެސް ބައިވެރިވެއެވެ.
"ދޯ ޕަޓީ" އަކީ ކާޖަލް އާއި ކްރިތީ އެކުގައި މަސައްކަތްކުރި ދެވަނަ ފިލްމެވެ. މި ދެ ތަރިން އެންމެ ފުރަތަމަ އެކުގައި ފެނިގެން ދިޔައީ 2015 ވަނަ އަހަރު ނެރުނު މަގުބޫލު ފިލްމު "ދިލްވާލޭ" އިންނެވެ.
މި ފިލްމަކީ ކްރިތީ ސަނޮންގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި "ބްލޫ ބަޓަރފްލައި ފިލްމްސް" އިން އުފައްދާފައިވާ ފުރަތަމަ ފިލްމެވެ. ފިލްމު ޑައިރެކްޓްކޮށްފައިވަނީ މަޝްހޫރު ޑައިރެކްޓަރު ޝަޝަންކް ޚަތުރްވޭދީއެވެ.
"ދޯ ޕަޓީ" ނެޓްފްލިކްސްގައި ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. ބޮލީވުޑްގެ މި ދެ މަޝްހޫރު ތަރިން އެއްފިލްމެއްގައި އަނެއްކާވެސް ފެނިގެންދާނެތީ، ގިނަ ބެލުންތެރިން އަންނަނީ މި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ.









