މަތީ ސާނަވީއާއި ކޮލެޖް ޔުނިވަރސިޓީގެ ޔޫނިއަން ތަކުގެ ދަރިވަރުންނަށް އުމްރާ ދަތުރެއް ހަމަޖެހިއްޖެއެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މި ދަތުރު ހަމަޖެހިފައިވަނީ ވޯލްޑް އެސެމްބްލީ އޮފް މުސްލިމު ޔޫތާއި ގުޅިގެން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މި ދަތުރުގައި 10-25 ދަރިވަރުން ބައިވެރިވެލައްވާނެކަމަށެވެ.
ވޯލްޑް އެސެމްބްލީ އޮފް ޔޫތަކީ ބައިނަލްއަޤުވާމީ ގޮތުން މަސައްކަތްކުރާ އިސްލާމީ ތަޢުލީމީ އެކި ހަރަކާތްތައް ކުރިއަށް ގެންދާ ގިނަ ދުވަސްވީ މުއައްސަސާއެކެވެ. 1972 ގައި ސަޢުދީ އަރަބިއްޔާގެ ރިޔާދުގައި ހުޅުވި މި އިދާރާއިން މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ތަފާތު ދީނީ، އިޖުތިމާޢީ، އަދި ތަޢުލީމީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން މި ދައުރުގައި އަންނަނީ ބޭރުގެ އެކި ފަރާތްތަކާއި ގުޅިގެން ގިނަ ފުރުސަތުތަކެއް ހޯދަމުންނެވެ. އެގޮތުން އިމާމުންނަށް ރާއްޖޭން ބޭރުން އިތުރު ތަމްރީން ހޯދުމުގެ ފުރުސަތުތަކާއި، ސަޢުދީ އަރަބިއްޔާއަށް ޢުމްރާއަކާއެކު އިތުރު ތަމްރީން ހޯދުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ.









