މެލޭޝިޔާގައި އޮތް ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުން، މުޅި ޤުރުއާން ހިތުދަސްކޮށް ކިޔެވުމުގެ ގޮފިން 3 ވަނަ ހޯދި ދަރިވަރު، އައިޝަތު ޝާޔާ ޒާހިރަށް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ވީއައިޕީ ގައި ރިސީވްކޮށް، ހޫނު މަރުޚަބާއެއް ކިޔައިފިއެވެ.
ޝާޔާއަށް މަރުޚަބާ ދެންނެވުމަށްޓަކައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންފައެވެ.
ވީއައިއޭގެ ވީއައިޕީގައި ބޭއްވި ކުޑަ ބައްދަލުވުމެއްގައި މިނިސްޓަރ ޝަހީމް ވަނީ ޝާޔާގެ މައިންބަފައިންނާވެސް ބައްދަލުކުރައްވާ މަރުޚަބާ ދަންނަވާފައެވެ.

ޝާޔާއަށް ކީ ހޫނު މަރުޚަބާއަށްފަހު މިނިސްޓަރ ޝަހީމް، ޝާޔާގެ މައިންބަފައިންނާ ބައްދަލުކުރައްވަނީ.
ޝާޔާއަށް ތިންވަނަ ލިބިފައިވަނީ 64 ވަނަ މެލޭޝިއަން އިންޓަނޭޝަނަލް އަލްޤުރުއާން ރިސައިޓޭޝަން އެންޑް މެމޮރައިޒޭޝަން އެސެމްބްލީ މުބާރާތުގައި ރާއްޖެ ތަމްސީލްކޮށެވެ. މި މުބާރާތުގައި 52 ގައުމަކުން 76 ބައިވެރިން ވަނީ ވާދަކޮށްފައެވެ.
ޝާޔާއަކީ އިސްކަންދަރު ސްކޫލުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރެކެވެ. ޝާޔާ ޤުރުއާން ހިތުދަސްކުރައްވާފައިވަނީ އުމުރުން އެންމެ 10 އަހަރުގައެވެ.









