ބީޓީއެސްގެ މެންބަރު ޖިންގެ ސޯލޯ އަލްބަމް މި އަހަރުގެ ނޮވެމްބަރު މަހު ނެރުމަށް ބިގްހިޓް މިއުޒިކުން އިޢުލާން ކޮށްފިއެވެ.

މި އަލްބަމަށްޓަކައި ޖިން މިހާރު ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަން ފަށާފައެވެ.

އަސްކަރީ ޚިދުމަތް ފުރިހަމަ ކުރުމަށްފަހު ޖިން އެނބުރި އައީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެއަށްފަހު ޖިން އަންނަނީ ހުއްޓުމެއްނެތި ބީޓީއެސްގެ ފޭނުން އުފާ ކޮށްދިނުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން "ރަން ބީޓީއެސް" ގެ ބަދަލުގައި "ރަން ޖިން" ގެ ނަމުގައި ޝޯއެއް ކުރިއަށް ގެންދިއުމާއި ތަފާތު ވެރައިޓީ ޝޯތަކުގައި ބައިވެރިވުން ހިމެނެއެވެ.

ބިގްހިޓް މިއުޒިކުން މި އަލްބަމް ނެރުމަށް އިޢުލާން ކުރުމާއެކު، "އާމީސް" ނަމުން މަޝްހޫރު ބީޓީއެސްގެ ފޭނުން ވަނީ އެމީހުންގެ އުފާވެރި ޝުޢޫރުތައް ސޯޝަލް މީޑިއާގައި ފާޅުކުރަން ފަށާފައެވެ. ގިނަ ފޭނުން ބުނަމުންދަނީ ޖިންގެ އަޑު އަހާލަން ކެތްމަދުވެފައިވާ ކަމަށާއި، މި އަލްބަމަށް އެމީހުންގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށެވެ.

މި މަހުގެ 10 ވަނަ ދުވަހު ޖިން ވަނީ އޭނާގެ އެންމެ މަޤްބޫލު ލަވަ ކަމުގައިވާ "ސުޕަރ ޓޫނާ" ގެ އެންމެ ފަހުގެ ދިހަ ވާޝަން ފޭނުންނާ ހިއްސާކޮށްފައެވެ. މިއީ އޭނާގެ އަންނަން އޮތް އަލްބަމަށް ފޭނުން ޝައުޤުވެރިކުރުވުމަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.