އިސްރާއީލުގެ ދިފާއީ ނިޒާމުތައް ހަރުދަނާ ކުރުމަށާއި ހާއްސަކޮށް އީރާނުގެ ބެލިސްޓިކް މިސައިލް ހަމަލާތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެމެރިކާގެ އަސްކަރީ މުވައްޒަފުން އިސްރާއީލަށް އައިސްފި ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
މިއީ އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް އިސްރާއީލުން ހަމަލާއެއް ދީފާނެ ކަމަށް ހުޅަނގުގެ މީޑިއާތަކުން ބުނަމުންދާ ދަނޑިވަޅެކެވެ. އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި އެމެރިކާ ސިފައިން ތިބުމަކީ އީރާނުން ބަދަލު ހިފުމުގެ ހާލަތުގައި ދުރު ރާސްތާގެ މިސައިލްތައް ހުއްޓުވުމުގެ ގާބިލްކަން އިސްރާއީލަށް އިތުރުކުރުމަށް އަމާޒުކޮށްގެން އެޅި މުހިންމު ފިޔަވަޅެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމެރިކާގެ އަސްކަރިއްޔާއިން އެހީތެރިވެދޭނީ ޓަޑް އަދި ޕެޓްރިއޮޓް މިސައިލް ބެޓެރީ ފަދަ ޒަމާނީ ޑިފެންސް ސިސްޓަމްތައް ހިންގުމަށެވެ. މި ނިޒާމުތަކަކީ އީރާނުގެ އަމާޒުތަކަށް އިސްރާއީލުން ދޭ ކޮންމެ ހަމަލާއަކަށް ރައްދުދީގެން ފޮނުވާލެވޭނެ އީރާނުގެ މިސައިލްތަކުގެ ނުރައްކަލުން އިސްރާއީލުގެ ވައިގެ ސަރަހައްދު ދިފާއުކުރުމަށް ވަރަށް މުހިންމު ނިޒާމުތަކެކެވެ. އެމެރިކާއާއި އިސްރާއީލުގެ އަސްކަރީ އެއްބާރުލުން ދިގުދެމިގެންދާ ގޮތަށް އަލިއަޅުވާލައްވަމުން އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ވަނީ އެކުވެރި ގައުމުތައް ހިމާޔަތް ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލާފައެވެ.
މީގެއިތުރުން، ލުބުނާނުގެ ހާލަތާއިމެދު އެމެރިކާއިން ވަނީ ކުރިން ދެކެމުންއައި ގޮތް ބަދަލުކޮށްފައެވެ. ކުރިން އެމެރިކާ ބޭނުންވީ ލުބުނާނުގެ ހަނގުރާމަ މެދުކަނޑާލުމަށެވެ. ނަމަވެސް މިހާރު އެމެރިކާއިން ބުނަނީ އިސްރާއީލް ބޭނުންވާ ކަންތައްތައް ހާސިލް ކުރުމަށް ހަނގުރާމަ ކުރިޔަށް ގެންދިޔުމާއިމެދު އެމެރިކާއިން އެއްބަސް ކަމަށެވެ.
ހިޒްބުﷲއިން އިއްޔެވެސް ގިނަ ޢަދަދެއްގެ ހަމަލާތައް އިސްރާއީލަށް ފޮނުވިއެވެ. އެޤައުމުން ބުނަނީ ގިނަ ހަމަލާތައް ހުއްޓުވާފައިވާ ކަމަށެވެ.
ބައެއް ޚަބަރުތައް ބުނާގޮތުން މިދަނޑުވަޅުގައި އިސްރާއީލުން އީރާނުގެ ތެޔޮވަޅުތަކަށް ހަމަލާއެއް ދިނުމަކީ މުސްތަހީލު ކަމެކެވެ. ޢަރަބި ޤައުމުތަކުން އިސްރާއީލަށް އެއްބާރުލުން ދީފިނަމަ އެޤައުމަކާއި ދެކޮޅަށް ބަދަލު ހިފުމުގެ ގޮތުން ހަމަލާ ދޭނެކަމުގެ ސާފު އިންޒާރު އީރާނުން ވަނީ ދީފައެވެ.









